ޚަބަރު

އަންނަ އަހަރު ޓެކްސްޓް ފޮތްތައް ޑިޖިޓަލްވަނީ


ސްކޫލްތަކުގެ ޓެކްސްޓް ފޮތްތައް އަންނަ އަހަރު ޑިޖިޓަލައިޒްކޮށްގެން ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ފެށުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިހާރުވެސް ބައެއް ގްރޭޑްތަކުގެ ޓެކްސްޓް ފޮތްތައް ޑިޖިޓަލައިޒްކޮށްފައިވާކަމަށް މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވިއެވެ. އަދި މިއހަރަށްވުރެ ރަނގަޅަށް އަންނަ އަހަރު ޓެބްލެޓްތައް ބޭނުންކުރެވޭނެގޮތް ހެދުމަށް މަސައްކަތް ކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ޓެބްލެޓްތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގެ ޕްލޭނެއް މިހާތަނަށް ހަދާފައިނެތްކަމަށެވެ. އަދި ފިލާވަޅުތައް މުޠާލިޢާ ކުރުމަށް ޓެބްލެޓް ބޭނުންކުރަން އަންގާފައިވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލްތަކުގެ އިންޓަނެޓް ކަނެކްޓިވިޓީ ދަށްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ބައެއް ރަށްރަށުގައި ޓެބްލެޓް ބޭނުން ކުރަމުންނުދާކަމަށެވެ. އަދި ސްކޫލްތަކުގެ ވައިފައިގެ ޚިދުމަތް ރަނގަޅުކުރުމަށްޓަކައި ދިރާގާއެކު މަޝްވަރާ ކުރަމުންގެންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދިނުން ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ނުގެންދެވޭނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިހާރު ހުރި ޓެބްލެޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޓެބްލެޓް ބޭނުންކުރުމުގައި ދިމާވާ އުނދަގޫތައް ދެނެގަތުމަށް ސަރވޭއެއްވެސް ފަށާފައިވާކަމަށެވެ.

ޓެބްލެޓް ބޭނުންކޮށްގެން ކިޔަވައިދޭން ފަށާފައިވަނީ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން މިދިޔަ އަހަރުއެވެ. މިގޮތުން ސްކޫލުތައް ޑިޖިޓަލައިޒްކޮށް ދަރިވަރުންނާއި މުދައްރިސުންނަށް 70 ހާހަށްވުރެ ގިނަ ޓެބްލެޓްވަނީ ބަހާފައެވެ.