ކުޅިވަރު

މިކްސް ޓީމް އިވެންޓުގެ ފައިނަލަށް އިންޑިއާ އާއި ސްރީލަންކާ


ސައުތް އޭޝިއަން އަންޑާ 21 ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ މިކްސް ޓީމް އިވެންޓުގެ ފައިނަލުން އިންޑިއާ އާއި ސްރީލަންކާ ޖާގަހޯދައިފިއެވެ.

އިންޑިއާއިން ފައިނަލުގެ ޖާގައެއް ހޯދީ މިއަދު ކުޅުނު ސެމީފައިނަލް މެޗްގައި ނޭޕާލް ބަލިކޮށްގެންނެވެ. އިންޑިއާ އާއި ނޭޕާލްގެ ކުރިމަތިލުން އިންޑިއާއިން ކާމިޔާބުކުރީ ސީދާ 3 ގޭމުންނެވެ.

އިންޑިއާ އާއި ނޭޕާލް ވާދަކުރި މެޗްގެ އެންމެ ވާދަވެރިކޮށް ދިޔައީ ފިރިހެން ސިންގަލްސް މެޗްއެވެ. ނޭޕާލްގެ ޕްރިންސް ދަހާލް އާއި ވާދަކޮށް އިންޑިއާގެ ސަރަތް ދުންނާ މެޗް ކާމިޔާބުކުރީ 2 ސެޓް 1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 22-20 އިން ކާމިޔާބުކުރީ ނޭޕާލްގެ ޕްރިންސް ދަހާލްއެވެ. ނަމަވެސް ފަހު ދެސެޓުގައި ދުންނާ ވަނީ ކުޅުން ރަގަނޅުކޮށް މެޗް އަތުލާފައެވެ. ދެވަނަ ސެޓު ދުންނާ ގެންދިޔައީ 21-12 އިން ތިންވަނަ ސެޓު އޭނާ ގެންދިޔައީ 21-18 އިންނެވެ.

އަންހެން ސިންގަލްސްގައި އިންޑިއާގެ މަންސީ ސިންގްއާއި ނޭޕާލްގެ ރަސީލާ މަހަރަޖްގެ މައްޗަށް ކުރިހޯދީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ދެ ސެޓުވެސް މަންސީ ސިންގް ގެންދިޔައީ 21-5 އިންނެވެ.

3ވަނަ ގޭމްގައި ފިރިހެން ޑަބަލްސްބައިން އިންޑިއާއިން ނިކުތީ ސަރަތް ދުންނާ އާއި ސައި ޗަރަން ކޯޔާގެ ޕެއާއެވެ. ނޭޕާލްއިން ނިކުތީ ޕްރިންސް ދަހާލް އާއި ޕްރަފުލް މަހަރަޖްގެ ޕެއާއެވެ. މިގޭމް ސީދާ ދެ ސެޓުން ކާމިޔާބުކޮށް އިންޑިއާއިން ފައިނަލުގެ ޖާގަ ޔަގީންކުރިއެވެ. މެޗުގެ ސެޓުތަށް އިންޑިއާގެ ޕެއާއިން ގެންދިޔައީ 21-12 އަދި 23-21 އިންނެވެ.

ލަންކާއިން ފައިނަލުގެ ދެވަނަ ޖާގަ ޔަގީންކުރީ ސެމީފައިނަލް މެޗްގައި ޕާކިސްތާނުގެ މައްޗަށް ސީދާ ތިންގޭމުން ކުރިހޯދައިގެންނެވެ. ސެމީފައިނަލް ޓައީގެ ފުރަތަމަ ގޭމްގައި ފިރިހެން ސިންގަލްސްއިން ލަންކާއިން ނިކުތީ ޑުމިންދު އަބޭވިކަރަމާއެވެ. ޕާކިސްތާނުން ނިކުތީ މުޙައްމަދު އަދްނާންއެވެ. މިމެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ސްރީލަންކާގެ ޑުމިންދުއެވެ. މެޗުގެ ދެ ސެޓުވެސް އޭނާ ގެންދިޔައީ 21-14 އިންނެވެ.

އަންހެން ސިންގަލްސްގައި ސްރީލަންކާގެ އަޝިނީ ފެނާންޑޯ، ޕާކިސްތާނުގެ އަމަލް މުނީބްގެ މައްޗަށް ކުރިހޯދީ ސީދާ ދެސެޓުންނެވެ. މެޗުގެ ދެސެޓުވެސް އަޝިނީ ފެނާންޑޯ ގެންދިޔައީ 21-14 އިންނެވެ.

ލަންކާ އާއި ޕާކިސްތާން ވާދަކުރި ސެމީފައިނަލް ޓައީގައި އެންމެ ވާދަވެރިކޮށް ދިޔައީ ތިންވަނަ ގޭމެވެ. ފިރިހެން ޑަބަލްސްގައި ލަންކާއިން ނިކުތީ ޑުމިންދު އާއި ރަންތުޝްކާ ސުސިންދުގެ ޕެއާއެވެ. ޕާކިސްތާނުން ނިކުތީ މުޙައްމަދު އަދުނާން އާއި ރާޖާ މުޙައްމަދުގެ ޕެއާއެވެ. މިގޭމް 2 ސެޓް 1 ސެޓުން ކާމިޔާބުކޮށް ލަންކާއިން ފައިނަލުގެ ފަހުޖާގަ ޔަގީން ކުރިއެވެ. މެޗުގެ ފުރަތަމަ ސެޓު ލަންކާގެ ޕެއާއިން ގެންދިޔައީ 21-17 އިންނެވެ. ދެވަނަ ސެޓުގައި ވާދަވެރި ކުޅުމަކަމަށްފަހު 24-22 އިން ޕާކިސްތާނުގެ ޕެއާއިން ސެޓު ކާމިޔާބުކުރިއެވެ. ނަމަވެސް ފަހުސެޓު 22-20އިން ކާމިޔާބުކޮށް ސްރީލަންކާއިން ފައިނަލުގެ ޖާގަ ޔަގީންކުރިއެވެ.

މުބާރާތުގެ ޓީމް މިކްސް އިވެންޓުގެ ފައިނަލް އޮންނާނީ މިރޭއެވެ. އެއައްފަހު މާދަމާ މުބާރާތުގެ އޯޕަންސް ކެޓަގަރީގެ ކުޅުން ފަށާނެއެވެ.