ވިޔަފާރި

15ވަނަ ހޮޓެލް އޭޝިޔާ އެގްޒިބިޝަން ދަރުބާރުގޭގައި ފަށައިފި


15 ވަނަ ހޮޓެލް އޭޝިއާ އެގްޒިބިޝަން ދަރުބާރުގޭގައި ފަށައިފިއެވެ.

މޯލްޑިވްސް އެގްޒިބީޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިޔަށްދާނީ މިމަހުގެ 6 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް"އަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ.

މިއަހަރުގެ ފެއަރ ރަސްމީކޮށް ހުޅުވާފައިވަނީ މިކަމަށްޓަކައި ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މި އެގްޒިބިޝަން އިންތިޒާމްކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްގެ ޑިރެކްޓަރ، އަހުމަދު ޖަމީލް ވިދާޅުވީ މިއީ ރާއްޖެ ފަދަ ކުރިއަރަމުން އަންނަ އިޤްތިސާދަކަށް ވަރަށް މުހިއްމު ފެއަރއަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް އިޝްތިހާރުކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

ދަރުބާރުގޭގައި މިވަގުތު ކުރިއަށްގެންދާ މި އެގްޒިބިޝަންގައި 45 ޤައުމަކުން 45 އެގްޒިބިޓަރުންނާއި ބްރޭންޑް ބައިވެރިވެއެވެ. މީގެ ތެރޭގައި ޗައިނާ، ތައިލެންޑް، އޮސްޓްރޭލިޔާ، ނިއުޒިލެންޑް، ދުބާއި، އެމެރިކާ، ސިންގަޕޯރ އަދި ކެނެޑާފަދަ ޤައުމުތައް ހިމެނެއެވެ. މި ޤައުމުތައް ހިމެނޭހެން 155 ސްޓޯލް ދަރުބާރުގޭގައި ބަހައްޓާފައިވެއެވެ.

ހޮޓެލް އޭޝިއާ އެގްޒިބީޝަންގެ ތެރެއިން ޝެފުންނަށް ކުރިއަށްގެންދާ ކަލިނަރީ މުބާރާތެއް ވެސް ކުރިއަށްދާނެއެވެ. "ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ ނަމުގައި ކުރިއަށްގެންދާ މި މުބާރާތުގައި 22 ކެޓަގަރީއިން 460 ޝެފުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ޝެފުން ހިމެނޭއިރު މި މުބާރާތުގައި ބައިވެރިވާ ދިވެހި ޝެފުންގެ އަދަދު ވެސް މިއަހަރު ވަނީ އިތުރުވެފައެވެ. އަދި މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ހަރަކާތްތެރިވާ 20 ޖަޖުންގެ ތެރެއިން 7 ޖަޖުންނަކީ ދިވެހިންކަން ވެސް ފާހަގަކޮށްލެވެއެވެ.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް އުފެދިގެން އައީވެސް ރާއްޖޭގައި ކަލިނަރީ ދާއިރާއިން މޮޅެތި ޝެފުން ބިނާކުރުމުގެ މަޤްސަދުގައެވެ. މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް އިން ބުނީ ފާއިތުވި އަހަރުތަކުގައި ބޭއްވި މުބާރާތްތަކުން ރާއްޖޭގައި ކަލިނަރީ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުން އުފެދިފައިވާކަމަށެވެ.

މި މުބާރާތުގެ ނަތީޖާ އިޢުލާނުކުރަން ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ.

15 އަހަރުގެ ދިގު ތާރީޚެއް އޮތް މި އެގްޒިބިޝަނަކީ ޓޫރިޒަމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ އަދި ބެސްޓްބައި މޯލްޑިވްސްއިން އެންޑޯޒް ކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.