2017 ވަނަ އަހަރުން 2018 ވަނަ އަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ 12.5 އިންސައްތަ ކުރިއަރާފައިވާކަމަށް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ހާމަކޮށްފިއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރު ރާއްޖޭގެ ނޮމިނަލް ޖީޑީޕީ ހުރީ 72.8 ބިލިއަން ރުފިޔާގައެވެ. އަދި މިދިޔަ އަހަރު މިއަދަދު 12.5 އިންސައްތަ ކުރިއަރާ، އެއަދަދު 81.9 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ސްޓެޓިކްސް ބިއުރޯއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.
ސްޓެޓިކްސް ބިއުރޯއިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރު އިޤްތިޞާދީ ބައިތަކުން ޤައުމީ އުފެއްދުންތެރިކަމަށް ހިއްސާކުރާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހިއްސާއެއް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާއިންނެވެ. އެއީ ޖީޑީޕީ 20.2 އިންސައްތައެވެ. އަދި މިދާއިރާގެ ހިއްސާ ޖީޑީޕީގައި ބޮޑުވެފައިވަނީ 2017 ވަނަ އަހަރާއި އަޅާބަލާއިރު 2018 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ކުރިއަރައި ދިއުމުގެ ސަބަބުންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
2018 ވަނަ އަހަރު ޖީޑީޕީގައި ދެވަނައަށް އެންމެ ބޮޑު ހިއްސާއެއް ކޮށްފައިވަނީ ދަތުރުފަތުރު، ޕޯސްޓް އަދި މުވާސަލާތީ ޚިދުމަތްތަކުގެ ދާއިރާއިންނެވެ. އެދާއިރާތަކުން 11 އިންސައްތަ ހިއްސާކުރެއެވެ. ޖީޑީޕީގެ 3 ވަނައަށް އެންމެ ބޮޑު ހިއްސާއެއް އޮތް ޢިމާރާތްކުރުމުގެ ދާއިރާއިން 9.3 އިންސައްތަ ހިއްސާކުރެއެވެ. މަސްވެރިކަން ހިއްސާކުރަނީ ޖީޑީޕީގެ 4.5 އިންސައްތައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން 2018 ވަނަ އަހަރަށް ނޮމިނަލް ޖީޑީޕީން ބޮލަކަށްޖެހޭ މިންވަރަކީ 160132 ރުފިޔާ ނުވަތަ 10385 ޑޮލަރެވެ. އަދި 2014 ވަނަ އަހަރުން 2018 ވަނަ އަހަރަށް ނޮމިނަލް ޖީޑީޕީން ބޮލަކަށް ޖެހޭ މިންވަރުގެ ކުރިއެރުން ހުރީ އެވްރެޖްގޮތެއްގައި 6.3 އިންސައްތައިގައެވެ.
ޤައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ނުވަތަ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީ.ޑީ.ޕީއަކީ ވަކި އަހަރެއް ނުވަތަ ވަކި މުއްދަތެއްގެ ތެރޭގައި ޤައުމެއްގައި އުފެއްދޭތަކެއްޗާއި ދެވޭ ޚިދުމަތްތަކުގެ އަގެވެ. ޖީ.ޑީ.ޕީ އިތުރުވާ މިންވަރަކީ ޤައުމެއްގެ އިޤްތިސާދީ ކުރިއެރުން ދެނެގަންނަން އެންމެ އާއްމުގޮތެއްގައި ބޭނުންކުރާ އެއް މިންގަނޑެވެ. ޖީ.ޑީ.ޕީ ދެގޮތަކަށް ދެއްކިދާނެއެވެ. އެއް ގޮތަކީ ނޮމިނަލް ޖީ.ޑީ.ޕީ ނުވަތަ ޖީ.ޑީ.ޕީ އެއަހަރެއްގެ އަގުންނެވެ. ދެވަނަގޮތަކީ ރިއަލް ޖީ.ޑީ.ޕީ ނުވަތަ ޖީ.ޑީ.ޕީ ދާއިމީ އަގުންނެވެ. ރާއްޖޭގައި ރިއަލް ޖީ.ޑީ.ޕީ މިހާރު އަންދާޒާކުރަނީ 2014 ވަނަ އަހަރުގެ ދާއިމީ އަގުންނެވެ.
ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަޖެޓް ޑެފިސިޓް އަދި ދަރަނި ފަދަ މިންގަނޑުތައް ހުންނަ މިންވަރު ދެނެގަތުމަށްޓަކާ ބޭނުންކުރަންޖެހެނީ ނޮމިނަލް ޖީ.ޑީ.ޕީ އެޓް މާކެޓް ޕްރައިސްއެވެ. ޖީ.ޑީ.ޕީ އެޓް މާކެޓް ޕްރައިސް އެކުލަވާލެވެނީ ޖީ.ޑީ.ޕީ އެޓް ބޭސިކް ޕްރައިސްއަށް ޓެކްސް އާއި ސަބްސިޑީގެ ފަރަގު ހިމަނައިގެންނެވެ.
ޖީ.ޑީ.ޕީ މާކެޓް ޕްރައިސްއިން އެކުލަވާލުމުގައި ސަރުކާރަށް ދައްކާ ޓެކްސްގެތެރެއިން ހިމަނަންޖެހެނީ ހަމައެކަނި ވަކިވަކި ތަކެތިން ނެގޭޓެކްސްތަކެވެ. މިގޮތުން އިމްޕޯޓް ޑިޔުޓީ، ގްރީން ޓެކްސް އާއި ޖީ.އެސް.ޓީގެ ގޮތުގައި ނެގޭ ޓެކްސް ހިމެނިފައިވާއިރު ވިޔަފާރީގެ ފައިދާއިން ނެގޭޓެކްސް، ބީ.ޕީ.ޓީ ހިމަނާކަށް ނުޖެހެއެވެ. އަދި ސަބްސިޑީގެ ތެރޭގައި ހިމެނެނީ ސަރުކާރުން ކާޑުގެބާވަތްތަކަށް ދެވޭ ސަބްސިޑީ އާއި ފެނުގެ ސަބްސިޑީ އަދި ޕްރީ ސްކޫލްތަކަށްދެވޭ ސަބްސިޑީއެވެ.