ދީން

ގާފަރުގައި އަލަށް ޢިމާރާތްކުރި މިސްކިތް ހުޅުއްވައި ދެއްވައިފި


ކ. ގާފަރުގައި އަލަށް އިމާރާތްކުރި "މަސްޖިދުލް މުއްތަޤީން"
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާޤިރު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.




ދައުލަތުގެ ބަޖެޓުން ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން
އިމާރާތްކޮށްފައިވާ މި މިސްކިތަކީ ހަތް ސަތޭކަ މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ކ. ގާފަރުގައި އަލަށް އިމާރާތްކުރި "މަސްޖިދުލް މުއްތަޤީން" ރަސްމީކޮށް
ހުޅުއްވައިދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު
ޒިޔާދު ބާޤިރު ވިދާޅުވީ، ފަރުޟު ފަސްނަމާދަށް ސަމާލުކަންދީ، މިސްކިތްތަކުގެ
ފަޅުކަން ފިލުވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ކަމެއްކަމަށެވެ. އަދި
މިސްކިތްތައް ވާންވާނީ، ހަމައެކަނި ހުކުރު ދުވަހު، ހުކުރު
ނަމާދަށް އަރަން އަންނަތަނަކަށް ނޫންކަމަށާއި، ފަރުޟު ފަސްނަމާދު ޖަމާޢަތުގައި
ކުރުމަށް ސަމާލުކަންދީ، އަޅުކަންތައްތަކުގައި ވީހާވެސް ގިނަ ވަގުތު ހޭދަކޮށް،
މިސްކިތުގެ އަހުލުވެރިންނަށްވުމަށް މިނިސްޓަރ ގޮވާލެއްވެވިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާޤިރު ވިދާޅުވީ، ރައްޔިތުންގެ މެދުގައި
ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނާއިމެދު ހިތްޖެއްސުމަށް ރަށްރަށުގެ
ކައުންސިލްތަކާއި ގުޅިގެން ތަފާތު ޕްރޮގްރާމްތައް ހިންގަމުންދާކަމަށެވެ. އަދި
ވަރަށް ކައިރި މުސްތަޤުބަލެއްގައި، ގާފަރު ކައުންސިލާއި ގުޅިގެން އެރަށުގައި ދީނީ
ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތަކެއް ފައްޓަވާނެކަމަށްވެސް މިނިސްޓަރ
ވިދާޅުވިއެވެ.
ހަތް ސަތޭކަ މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް
ހަވާލުކޮށްފައިވަނީ "ޕްރޯ ޕްރައިވެޓް ލިމިޓެޑް" ކިޔާ އަމިއްލަ
ކުންފުންޏަކާއެވެ.



ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް، މިސްކިތްތަކުގެ އާބާތުރަ ފިލުވައި،
މަރާމާތުކޮށް، ރީތި ކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީއާއި ރަށްރަށުގެ
ކައުންސިލްތަކުގެ އިތުރުން، އަމިއްލަ ޖަމިއްޔާތަށް ގުޅިގެން ދަނީ ކުރަމުންނެވެ.