ޚަބަރު

ނުރަސްމީ ތަޢުލީމް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް ކައުންސިލްތަކުގެ ޚިޔާލުހޯދުމަށް މަހާސިންތާއެއް ފަށައިފި


ނުރަސްމީ ތަޢުލީމް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތަށް ކައުންސިލްތަކުގެ ޚިޔާލުހޯދުމަށް މަހާސިންތާއެއް ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން އިންތިޒާމްކޮށްގެން ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މާހާސިންތާ ޝަރަފުވެރިކޮށްދެއްވީ ތަޢުލީމީދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުޙައްމަދު މުޞްތަފާ ޙުސައިންނެވެ. ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ ނުރަސްމީ ތަޢުލީމް ބޭނުންވާ ފަރާތްތަކަށާއި ބޮޑެތި މީހުންނަށް ނުރަސްމީ ތަޢުލީމް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލްތަކާމެދު މަޝްވަރާކޮށް ހުރި ފުރުޞަތުތަކާމެދު ޚިޔާލު ބަދަލުކުރުމަށް ބާއްވާ މަހާސިންތާއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ރަޝީދު އަޙްމަދު ވަނީ ރާއްޖޭގައި ނުރަސްމި ތަޢުލީމްދިނުމުގެ ކަންކަން ވޭތުވެދިޔަ އަހަރުތަކުގައި ކޮށްފައިވީނަމަވެސް އެންމެ އެކަށީގެންވާގޮތަށް މިކަމަށް ސަމާލުކަންދީފައިނުވާކަމަށެވެ. އަދި މިހާރު މަސައްކަތްކުރަމުންދަނީ މިމަސައްކަތް ފުޅާކުރުމަށްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ނުރަސްމީ ތަޢުލީމް 500 އެއްހާ މީހުންނަށް ދެމުންގެންދާކަމަށެވެ. އޭނާ ވިދާޅުވީ ޔުނިސެފާއި ގުޅިގެން ނުރަސްމީ ތަޢުލީމްގެ ޤައުމީ ސިޔާސަތު އެކުލަވާލާ އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރަމުންގެންދާކަމަށެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރިމެހުމާން މުޙައްމަދު މުސްތަފާ ޙުސައިން ވަނީ ލިބިފައިވާ ޢިލްމު ބޭނުންކުރާއިރު އެވަގުތެއްގައި އެ ޢިލްމު ބޭނުންކުރަންޖެހިފައި އޮންނަ ތަނެއްގައި ކަންކަން ހިނގާ ގޮތާ ދޭތެރޭ ހުރި ތަފާތުތައް ދެނެގަތުމަށް މަހާސިންތާގެ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.


ނުރަސްމީ ތަޢުލީމް އުނގަންނައިދިނުމަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ކައުންސިލްތައް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ މަސައްކަތެކެވެ. އެގޮތުން މި މަހާސިންތާގައި މިހާރު އެކުލަވާލާފައިވާ ސިޔާސަތަށް އަމަލުކޮށް ތަންފީޒްކުރުމުގެ ކުރިން ކައުންސިލަރުންގެ ޚިޔާލު ހޯދާ މި ސިޔާސަތަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް އެން.އައި.އީއިން ވިދާޅުވެއެވެ. މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ރަށަކުން ކައުންސިލަރުން ބައިވެރިވެއެވެ.