ޚަބަރު

އަތޮޅުތަކުގައި ހުޅުވާ ފުރަތަމަ ކާޑިއެކް ސެންޓަރު ކުޅުދުއްފުށީގައި، ހުކުރު ދުވަހު ހުޅުވަނީ


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮއްފައިވާ ކާޑިއޯ ސެންޓަރާއި ސީޓީގެ ހިދުމަތް އަންނަ ހުކުރު ދުވަހު ރަސްމީކޮށް ހުޅުވަން ހަމަޖެހިއްޖެއެވެ.
މިތަން ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނީ ނައިބުރައީސް ފައިޞަލް ނަޞީމެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ދަށުން އެހޮސްޕިޓަލްގައި ކާޑިއެކް ސެންޓަރު ހެދުމަށް "ވޭވްލެންތް" ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮއްފައިވަނީ މިއަހަރުގެ ޖުލައި 30 ގައެވެ.

ކުލުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ގާއިމްކޮއްފައި ވާ ކާޑިއޯ ސެންޓަރ ހުޅުވުމުން އެތަނުންލިބޭނެ ހިދުމަތް ތަކުގެ ތެރޭގައި ކާޑިއެކް ކޮންސަލްޓޭޝަން ، އިކޯ ކާޑިއޯގްރާމް ، ހޯލްޓަރސް މޮނިޓަރިން ، އީސީޖީ އަދި ޓީ އެމް ޓީ ފަދަ ހިދުމަތް ހިމެނެއެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މި ޚިދުމަތް ދޭ ސެންޓަރެއް ޤާއިމް ކުރެވޭ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރަސްމީކޮށް އިފްތިތާހު ނުކުރިނަމަވެސް މިއަހަރުގެ ޖުލައި 2 ވަނަ ދުވަހުންފެށިގެން ސީޓީސްކޭން ހިދުމަތް އެހޮސްޕިޓަލުންވަނީ ދޭންފަށާފައެވެ.

ފާއިތުވި ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެހޮސްޕިޓަލުން، ސީޓީސްކޭން ހިދުމަތް 82 މީހަކު ހޯދާފައިވާކަމަށް އެހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ.