ކުޅިވަރު

ފަރަގު ބޮޑުވިޔަސް ތަށި ހޯދިދާނެ: ގާޑިއޯލާ


އެއްވަނާގައިވާ ލިވަޕޫލާ ދެމެދު އޮތް ފަރަގު އަށް ޕޮއިންޓަށް ފުޅާވުމަކީ ވަރަށް ބޮޑު ދެރައެއް ކަމަށާއި ނަމަވެސް އަދިވެސް ތަށި ހޯދިދާނެ ކަމަށް މެންޗެސްޓާ ސިޓީން ބުނެފި އެވެ.

ކޯޗު ޕެޕް ގާޑިއޯލާ މިހެން ބުނީ އޭނާގެ ޓީމު ރޭ ވުލްވްސް އަތުން 0-2 އިން ބަލިވި މެޗަށް ފަހު އެވެ.

"އަށް ޕޮއިންޓަކީ ވަރަށް ބޮޑުވަރެއް. އެކަމަކު އާދަޔާ ހިލާފު ހިތްވަރަކާއެކު މަސައްކަތް ކޮށްފިއްޔާ އަދި ތަށި ހޯދިދާނެ. މިއީ އަދި އޮކްޓޫބަރު. ސީޒަނުގެ ހަތަރުބައިކުޅަ ތިން ބައި އޮތީ ކުރިއަށް. އެކަމަކު އަހަރުމެންނަށް މިހާ ގިނަ ޕޮއިންޓްތަކެއް ގެއްލިގެން ނުވާނެ. މިކަން ރަނގަޅު ކުރެވޭނީ މަސައްކަތްކޮށްގެން،" މިދިޔަ ދެ ސީޒަނުގައި ސިޓީ އަށް ތަށި ހޯދައިދިން ކޯޗު ބުންޏެވެ.

އޭނާ ބުނީ އެއްވަނާގައިވާ ލިވަޕޫލް ޕޮއިންޓްތަކެއް ގެއްލުވާނުލާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި ނަމަވެސް އެޓީމާ ދެކޮޅަށް ސޒަނުގައި ކުޅޭ ދެ މެޗު ވެސް މިހާޜު ކާމިޔާބުކުރަން މަޖުބޫރުވެއްޖެ ކަމަށެވެ.

"އާއްމުކޮށް ބޮޑު ލީޑެއްގައި އޮންނަ ޓީމު ތަށި ހޯދާ. އެއީ ތެދެއް. އެކަމަކު އެއީ އަހަރު ފެށޭ އިރު ލީޑުގައި އޮންނަ ޓީމަކަށް ގިނަ ފަހަރުވާ ކަމެއް. ގިނަ މެޗުތަކެއް ކުޅެން އަދި އެބައޮތް. އެހެންވީމާ އަހަރުމެން ހިތްވަރު ދޫކޮށްލާކަށްނުވޭ،" ގާޑިއޯލާ ބުންޏެވެ.

ސީޒަނުގައި އަށް މެޗު ކުޅުނުއިރު އަށް ޕޮއިންޓްގެ ފަރަގެއްގައި ސިޓީ މީގެ ކުރިން އޮތީ 2013 ވަނަ އަހަރުގެ ސީޒަނުގަ އެވެ.