ކުޅިވަރު

މިއީ ހަޔާތުގައި ވެސް ޔުނައިޓެޑުގައި ކުރާ އެންމެ ހިތި ތަޖުރިބާ: ޑެހެޔާ


މެންޗެސްޓާ ޔުނައިޓެޑުގައި އޭނާގެ ހަޔާތުގައި ވެސް ކުރާ އެންމެ ހިތި ތަޖުރިބާ ކުރަން ޖެހިފައިވަނީ މިސީޒަނުގައި ކަމަށް ޔުނައިޓެޑްގެ ކެޕްޓަން އަދި ކީޕަރު ޑޭވިޑް ޑެހެޔާ ބުނެފި އެވެ.

އޭނާ މިހެން ބުނީ ރެލިގޭޝަން ޒޯނުގައިވާ ޓީމުތަކާ ތިން ޕޮއިންޓް ފަރަގެއްގައި ޓޭބަލުގެ 12 ވަނަ އަށް ޔުނައިޓެޑް ވެއްޓުމުންނެވެ. އެއީ ރޭ ޕްރެމިއާ ލީގުގައި ނިއުކާސަލް އަތުން 1-0އިން ބަލިވުމުންނެވެ.

"އަހަރުމެންގެ ކުޅުން މިހާ ގޯސްވި ފަހަރެއް އަހަރެން ނުދެކެން. އަހަރުމެން އެބަޖެހޭ ކުޅުން ރަނގަޅުކުރަން. މެޗެއް ނިމޭއިރު އަހަރުމެންނަށް އެކަށީގެންވާ ހަމަލާއެއް ނުއުފެއްދޭ. އަހަރެން މި ޓީމުގައި ހޭދަކުރި ދުވަސްތަކުގައި މިހާ ގޯސް ސީޒަނެއް ނުދެކެން،" މީގެ ހަތް އަހަރު ކުރިން ޔުނައިޓެޑާ ގުޅުނު ކީޕަރު ބުންޏެވެ.

ސްޕޭނުގެ އެއްވަނަ ކީޕަރުކަން ވެސް ކުރަމުން އަންނަ ޑެހެޔާ ބުނީ ޓީމުގެ ހާލަތު ރަނގަޅު ކުރެވޭނީ ކުޅުންތެރިންނަށް ކަމަށާއި ގަދަ އަޅައި ކުޅުންތެރިން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އަހަރުމެންނަކީ މެންޗެސްޓާ ޔުނައިޓެޑް. މިއީ ލީގުގެ އެންމެ ކާމިޔާބު ޓީމު ތާރީހަށް ބަލާއިރު. އަހަރުމެންގެ ހާލަތު މިހާ ދަށް ފެންވަރަކަށް ވެއްޓެންޖެހޭ އެއްވެސް ސަބަބެއް ނުވިސްނުނު. މިކަން ރަނގަޅު ކުރުމުގެ ހުރިހާ ބާރެއް އޮތީ ކުޅުންތެރިން އަތްމަތީގައި،" ޑެހެޔާ ބުންޏެވެ.

ކޯޗު އޮލޭގަނާ ސޮލިޝަޔާ ބުނީ ކުޅުންތެރިން ހަމަޔަކަށް އަޅުވައި އެމީހުން މެޗަށް ތައްޔާރުކުރުމަކީ އޭނާގެ ޒިންމާއެއް ކަމަށެވެ. އަދި ކުރިއަށްއޮތް އިންޓަނޭޝަނަލް ބްރޭކަށް ފަހު އެއްވަނާގައިވާ ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން ޓީމު ރަނގަޅަށް ތައްޔާޜުކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. ކޯޗުކަމުގައި 26 އަހަރު ހޭދަކުރުމަށްފަހު 2013 ވަނަ އަހަރު ސާ އެލެކްސް ފާގަސަން އިސްތިއުފާ ދިން ފަހުން ޔުނައިޓެޑަށް އަދި ލީގުގައި ކާމިޔާބެއް ނުހޯދެ އެވެ.