ސިޔާސީ

ކުރިމަތި ނުލުމަށް ނިންމީ މަޖްލިހުގައި އޮތްބިލަށް ތާއީދުކުރުމާއެކު


ރިޔާސީ
އިންތިހާބުގައި ދެން ވާދަނުކުރެއްވުމަށް ނިންމަވާފައިވާކަމަށް ޖުމްހޫރީ ޕާޓީގެ
ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.



ޤާސިމް މިހެން
ވިދާޅުވީ ޖަރުމަނު ވިލާތުގައި ހުންނަވާ ވައިބަރ މެދުވެރިކޮށް ޕީއެސްއެމަށް
މަޢްލޫމާތު ދެއްވަމުންނެވެ. މުއުތަބަރު ގޮތެއްގައި ޕީއެސްއެމް އަށް މަޢުލޫމާތު
ލިބިފައިވާގޮތުގައި ރައީސް ޔާމީނާއި ގާސިމް އިބްރާހިމް މިވަގުތު ތިއްބެވީ
ޖަރުމަނުވިލާތުގައެވެ.



ޕީއެސްއެމް
ނިއުސްއާއި މިއަދު ވާހަކަފުޅުދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ
އިންތިޚާބުގައި ވާދަނުކުރެއްވުމަށް ނިންމެވީ ރައީސްކަމާއި ނައިބު ރައީސްކަމަށް
ކުރިމަތިލެވޭ އުމުރު ތިރީސް އަހަރާއި ފަސްދޮޅަސް ފަސް އަހަރަށް ފެއްތުމަށް
މަޖިލީހަށް ހުށައަޅުއްވާފައިވާ އިސްލާހަށް ތާއީދުކުރެއްވުމާއި އެކުގައިކަމަށެވެ.



ގާސިމް ވިދާޅުވީ
ދެން ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަތުމަށްވެސް ނިންމާފައިވާކަމަށެވެ. އަދި
އަމިއްލަ ޕާޓީގެ ލީޑަރ ޝިޕް ދޫކޮށްލެވުމަށް ނިންމަވާފައިވާކަމަށްވެސް ގާސިމް
އިބްރާހިމް ވިދާޅުވިއެވެ.



ކުރިޔަށް އޮތްތާގައި
ފެނިވަޑައިގަންނަވާނީ ކޮން ދާއިރާއަކުންތޯ ޕީއެސްއެމުން ކުރި ސުވާލަށް  ޖަބާދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ
ދެން އެމަނިކުފާނު ހުންނަވާނީ އިގްތިސާދީ އަދި އިޖްތިމާއި ގޮތުން ރައްޔިތުންނަށް
ހިދްމަތް ކޮށްދެއްވުމަކަމަށެވެ.



މި ގޮތުން ސަރުކާރު
ފިޔަވާ ގިނަ ދަރިވަރުންތަކަކަށް އަމިއްލަ ހަރަދުގައި ކިޔަވާދީ އެތައް ބަޔަކަށް
މިހާތަނަށް ބޭސްފަރުވާ ކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާކަން ގާސިމް
ފާހަގަކުރައްވާފައިވެއެވެ. މިގޮތުން ދެން ވަގުތު އެންމެ ބޮޑަށް ހުސްކުރައްވާނީ
އިންސާނީ ޚިދްމަތަށް މަސައްކަތްކުރެއްވުމަށްކަމަށްވެސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.




ސިޔާސީ ދައިރާއިން
ފެޔަށް ޖެހި ވަޑާއިގަންނަވާނެކަމަށް ޤާސިމް ވިދާޅުވި އިރު ނިމިދިޔަ  ދެ ރިޔާސީ އިންތިހާބްގައިވެސް ގާސިމް
އިބްރާހިމް ވާދަކުރައްވާފައިވެއެވެ. އަދި އެ ދެ އިންތިހާބް ކާމިޔާބު ކުރެއްވި ދެ
ކެންޑިޑޭޓުން އިންތިހާބް ކާމިޔާބު ކުރެއްވުމުގައި ގާސިމް މުހިއްމު ރޯލެއް
އަދާކުރައްވާފައިވެއެވެ.  



ދެހާސް އަށްވަނަ
އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަބުރު ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކާމިޔާބު ކުރެއްވީ ގާސިމް އިބްރާހިމާ އެކު ކޯލިޝަން ހައްދަވައިގެންނެވެ.
އެހެންނަމަވެސް އެ ސަރުކާރުގެ  ހޯމް މިނިސްޓަރުކަމުގެ
މަގާމްގައި އެކާވީސް ދުވަހު ހުންނެވުމަށްފަހު ޤާސިމްވަނީ މަގާމުން
އިސްތިއުފާދެއްވާ ކޯލިޝަނުންވެސް ވަކިވެވަޑައިގެންފައެވެ.



ނިމިދިޔަ ރިޔާސީ
އިންތިހާބްގައި ދެވަނަ ބުރުން ރައީސް އަބްދުﷲ ޔާމީން އިންތިހާބް ކާމިޔާބު ކުރައްވާ
ވެރިކަމަށް ވަޑައިގަތީވެސް ގާސިމް އިބްރާހިމްގެ ޖޭޕީއާއެކު ކޯލިޝަން
ހައްދަވައިގެންނެވެ. އެހެންމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް ހޮވުމާމެދު
އުފެދިގެން ދިޔަ ޚިޔާލް ތަފާތުވުންތަކެއްގައި ސަރުކާރަށް އަހަރެއްވެސް ނުވަނީސް
ކޯލިޝަނުން ޖޭޕީ ވަކިކޮށް އެ ޕާޓީއަށް ސަރުކާރުން ދެއްވާފައިވާ މަގާމްތައް
ނަގާފައިވެއެވެ.



އޭގެ ފަހުން
ސަރުކާރާއި ދެކޮޅަށް ހިންގި ބައެއް ހަރަކާތްތަކުގެ އިސްސަފުގައިވެސް ގާސިމް އިބްރާހިމް
ބައިވެރިވެޑައިގެންފައިވެއެވެ.  



އިންތިހާބްތަކުގައި
ވާދަނުކުރައްވާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އިރު ރައީސްކަމާއި ނައިބު
ރައީސްކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލުގެނައުމަށް ސަރުކާރު ކޯލިޝަންގައި
އެމްޑީއޭއިން މަޖިލީހަށް ހުށައެޅުއްވި ބިލަށް ތާއިދްކޮށްދިނުމަށްވެސް ގާސިމް
ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގައި އެދިވަޑައިގެންފައިވާކަމުގެ މަޢުލޫމާތު
ލިބިފައިވެއެވެ.