ޚަބަރު

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޭ އުސޫލަށް ބޮޑެތި ބަދަލުތަކެއް


ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ އެކަމަށް އެދޭ ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް އެކަމަށް އެދޭ ދުވަހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ ހުއްދަ ނުދޭގޮތަށް ކަނޑައަޅައި ޢުމްރާއަށް މީހުން ގެންދިޔުމާބެހޭ އުޞޫލަށް ބަދަލުގެނެސްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ރާއްޖެއިން މީހުން ޢުމުރާއަށް ގެންދިޔުމަށް އެކުލަވާލާފައިވާ އުޞޫލު އިސްލާޙްކޮށް ގިނަ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅާ ކުންފުނިތަކުގައި ހުންނަންޖެހޭ ޝަރުތުތަކަށްވެސް މި އިސްލާހާއެކު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލު ކުރިން އޮތްގޮތުން ޙުއްދައަށް އެދި ހުށައަޅާ ކުންފުނީގެ އެއްވެސް ޑިރެކްޓަރަކީ ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ ނުވަތަ ޚިޔާނާތުގެ ތުހުމަތު ކުރެވިގެން މައްސަލައެއް ހިނގަމުންދާ މީހަކަށް ވެގެން ނުވެއެވެ. އެހެންނަމަވެސް މި އުޞޫލަށް މިހާރު ގެނައި އިސްލާޙް ބުނާގޮތުން ހުއްދައަށް އެދި ހުށަހަޅާ ދުވަހުން ފެށިގެން ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ވެސް އެ ކުންފުންޏެއްގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ އެކަމުގެ ހުއްދައަށް އެދި އެ ކުންފުންޏަކަށް ޕްރޮޕޯސަލް ހުށަ ނޭޅޭނެކަމަށެވެ.

އަދި ޢުމްރާއަށް މީހުން ގެންދަން ހުއްދަ ލިބޭ ފަހުން ކުންފުނީގެ ޑިރެކްޓަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ، އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ ޝަރުތުތަކެއް އެ ކުންފުންޏަކުން ފުރިހަމަ ކުރަން ޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެއެވެ. އެ ޝަރުތުތައް ފުރިހަމަ ނުކޮށްފިނަމަ އެ ކުންފުންޏަކަށް ދޫކުރި ހުއްދަ ބާޠިލް ކުރެވޭނެ ކަމަށްވެސް އެ އުސޫލަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

ޤަވާއިދަށް ގެނައި އިސްލާހުގައި ވަނީ އުމްރާއަށް މީހުން ގެންދަން ހުއްދަ ދޭތާ 15 ދުވަހުގެ ތެރޭގައި އެ ކުންފުންޏެއްގެ އޮފީސް ހުޅުވަންޖެހޭ ގޮތަށް ކަނޑައަޅާފައެވެ. ކުރިން އެ އުސޫލުއޮތްގޮތުން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ކުރިން އެ ކުންފުނީގެ އޮފީހެއް މާލޭގައި ހުންނަންޖެހެއެވެ.

އަދި ކުރިން އުސޫލު އޮތްގޮތުން ކުންފުނިތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރަނީ ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި އެޓަރނީ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީ ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ކޮމެޓީއަކުންނެވެ. ނަމަވެސް މިހާރު ގެނެސްފައިވާ އިސްލާހުގައިވާގޮތުން ޕްރޮޕޯސަލްތައް ޗެކް ކުރާނީ އިސްލާމިކް މިނިސްޓްރީންނެވެ.

ޕްރޮޕޯސަލް ހުށަހަޅާއިރު އެއްވެސް މައުލޫމާތެއް ނުވަތަ ލިޔުމެއް މަދުވެއްޖެނަމަ ޕްރޮޕޯސަލް ބާޠިލްވާ ގޮތަށް އުސޫލު ކުރިން އޮތްނަމަވެސް މިއިސްލާހުގައި ވަނީ އެކަމެއް އިސްލާހު ކުރުމަށް ތިން ދުވަހުގެ ފުރުޞަތެއް ދޭގޮތަށެވެ.

މީގެ އިތުރުން ޢުމްރާއަށް ގެންދިޔުމުގެ ޙުއްދަ ލިބުމާއެކު "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ ދަފުތަރު" ގައި ރަޖިސްޓަރީކޮށް ފީގެ ގޮތުގައި ފަންސަވީސް ހާސް ރުފިޔާ ދައްކާގޮތަށްވެސްވަނީ ކަނޑައަޅާފައެވެ.