ޚަބަރު

އެމްޑީއެންގެ ރިޕޯޓާއިމެދު މުއައްއަސާތަކުން ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އެބައޮތް - ޤާސިމް


އެމްޑީއެންގެ ރިޕޯޓާއިމެދު ކަމާއިބެހޭ މުއައްއަސާތަކުން އަޅަންޖެހޭ ފިޔަވަޅު އަޅައި މިކަމަށް ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅިވަޑައިގެންނެވި ފަރާތްތަކަށް މަރުޙަބާ ވިދާޅުވެ، އެޕާޓީގެ އޮފީހުގައި ބޭއްވި ޚާއްސަ ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުން ރާއްޖޭގައި އިސްލާމްދީން ނޫންދީނަކަށް ޖާގައެއްނެތްކަމަށެވެ.
ދީނަށް ފުރައްސާރަކޮށް ހަޖޫޖަހާ ބަޔަކު އެކަންކުރަނީ ކޮންމެ ނިޔަތެއްގައި ނަމަވެސް އެބަޔަކަށް މިޤައުމުގައި އެއްވެސް އިޙްތިރާމެއް އަދި ޤަދަރެއް ނޯންނާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިމޮކްރަޓިކް ނެޓްވޯކްގެ މި ރިޕޯޓް ނެރުމުން ދައުލަތުގެ ކަމާއިބެހޭ މުއައްއަސަސާތަކުން މިކަން ބަލައި އަޅަންޖެހޭ ފިޔަވަޅު އަޅަމަށް މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައި ވަކި މަޤްސަދެއް ހާސިލް ކުރެއްވުމަށް މުޒާހަރާކޮށް، ޤައުމުގެ މަސްލަހަތު ގެއްލޭ ކަންކަން ކުރުމަކީ ރަނގަޅު ކަމެއް ނޫންކަމަށެވެ.

ޤާސިމް ވަނީ މިރަސްމިއްޔާތުގައި އެޕަޓީއަށް ސޮއިކުރެއްވި 300 މީހުންގެ ފޯމާ ހަވާލުވެ ވަޑައިގެންފައެވެ. އަދި އެޕާޓީއާއި ގުޅިވަޑައިގެންނެވި ކުރީގެ ތުލުސްދޫ ދާއިރާގެ މެމްބަރަށާއި، އަލަށް ގުޅިވަޑައިގަތް އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހުރިހާ ފަރާތްތަކުންވެސް ކުރިއަށްއޮތް ކައުންސިލް އިންތިޚާބަށް ތައްޔާރުވެ ޕާޓީގެ މެމްބަރުން އިތުރުކުރުމަށް އަދިވެސް މަސައްކަތް ކޮށްދެއްވުމަށް ޤާސިމްވަނީ އެދިވަޑައިގެންފައެވެ.