ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ރައްޖޭގައި މިވަގުތިބި ލީޑަރުންގެތެރެއިން އެންމެ ހަރުދަނާ ލީޑަރަކީ ޤާސިމް އިބްރާހީމްކަމަށް ޤަބޫލުކުރެވޭތީކަމުގައި މުޙައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕަޓީއަށް ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވިދާޅުވީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވީ މިވަގުތު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން އެންމެ ހަރުދަނާ ލީޑަރަކީ ޤާސިމްކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. އަދި މިވަގުތު ޖުމްހޫރީ ޕާޓީގައިއޮތް ސިޔާސީ ސަފަކީ ސިޔާސީ މައިދާނުގައި ނަތީޖާނަރެފައިވާ ސަފެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތުގައި އެންމެ ބުރަ މަސައްކަތް ކޮށްފައިވަނީ 12 މެމްބަރުންކަމަށެވެ. އޭނާ މިރޭ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންނެވައި އެ ޕޯޑިޔަމްގައި ވާހަކަ ދެއްކެވި ނަމަވެސް އެ ޕޯޑިއަމަކީ އަނިޔާވެރިކަމާ ދެކޮޅަށް އެންމެ ވަރުގަދައަށް ވާހަކަދައްކަވާފައިވާ ޕޯޑިޔަމެއްކަމުގައި ވަހީދު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު މިއަދުވެސް ހުންނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން ނަގަހައްޓައި ދެމެހެއްޓުމުގައި ކަމަށާއި، އެހެންކަމުން އެމަސައްކަތުގައި ސާބިތުކަމާއިއެކު ހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. މިޖަލްސާގައި އޭނާވަނީ އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކުން ނެރުނު ރިޕޯޓަށް ވަރަށް ބޮޑަށް ފާދުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
މުހައްމަދު ވަހީދަކީ ސިޔާސީ މައިދާނުގައި ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ޤައްޔޫމްގެ ފަހަތްޕުޅުގައި މިހާތަނަށް މަސައްކަތް ކުރަމުންދިޔަ ބޭފުޅެކެވެ.