ޚަބަރު

މާލިމީ މުޙައްމަދު ޙަސަން މަނިކު ނިޔާވެއްޖެ


ހިސާބު ޢިލްމަށް ވަރަށް މޮޅު އަދި ރައްޖޭގެ މަޝްހޫރު މާލިމީ އެއް ކަމަށްވާ، މުޙައްމަދު ޙަސަން މަނިކު ނިޔާވެއްޖެއެވެ.މަޝްހޫރު ނަމުން ނަމަ މާލިމީ މުޙައްމަދު ޙަސަން މަނިކު ނިޔާވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭ 19:45 އެހާއިރު ކަމަށް އާއިލާ އިން މައުލޫމާތުދެއެވެ. ނިޔާވި އިރު އުމުރުފުޅަކީ 95 އަހަރެވެ.ދިވެހި ސަރުކާރަށް 63 އަހަރު ޚިދުމަތް ކުރައްވާފައިވާ މުޙައްމަދު ޙަސަންވަނީ 3 ރައީސުންނާއި ރަސްކަލެއްގެ ޒަޢާމަތުގައި އޮފިޝަލް ކެޕްޓަން ނުވަތަ އިސް ކައްޕިތާނުގެ މަޤާމު ފުރުއްވާފައެވެ.ދަތުރުފަތުރު ކުރެއްވުމާއި ދުރުގައި ހޭދަކުރެއްވި ހުރިހާ ވަގުތެއް އެމަނިކުފާނު ޚާއްޞަ ކުރައްވާފައިވަނީ ސަރވޭ ކުރާ މީހެއްގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައެވެ.އެމަނިކުފާނު އެންމެ ގަޔާވެވަޑައިގަންނަވާ ދާއިރާއަކީ އެސްޓްރޯނޮމީގެ ދާއިރާއެވެ. އަދި އެމަނިކުފާނުގެ ޙަޔާތްޕުޅުގައި ގިނަ އަދަދެއްގެ މާލިމީންނަށް ތަމްރީން ދެއްވާފައިވެއެވެ.މީގެ އިތުރުން އެމަނިކުފާނުގެ އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ހިޖްރީ-މީލާދީ ކަލަންޑަރު ތައްޔާރުކުރުމުގައި އެމަނިކުފާނު އަދާކުރައްވާ އިސް ދައުރެވެ.މި މަސައްކަތުގައި މާލިމީ މުޙައްމަދު ޙަސަން 1960ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ދެމިހުންނެވިއެވެ. އަދި އެމަނިކުފާނުވަނީ މާލޭގެ ސަތޭކަ އަހަރުގެ ހިޖްރީ-މީލާދީ ކަލަންޑަރު ހިމެނޭ ފޮތެއް ޝާޢިއުކުރައްވާ، އެއްހާސް އަހަރުގެ ކަލަންޑަރެއް ތައްޔާރުކުރެއްވުމުގެ މަސައްކަތްޕުޅު ފައްޓަވާފައެވެ. އަދި ކަނޑު ދަތުރުފަތުރާއިބެހޭ ގިނަ ފޮތްތަކެއް އެމަނިކުފާނުވަނީ ލިޔުއްވާ ޝާޢިއުކުރައްވާފައެވެ.1920ވަނަ އަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މުޙައްމަދު ޙަސަން މަނިކު ނިޔާވިއިރު، ކުރެއްވި ކައިވެންޏަށް 15 ދަރިން ލިބިވަޑައިގެންފައިވާއިރު 13 ދަރިން މިހާރު ދުނިޔޭގައި އެބަތިއްބެވިއެވެ.މުޙައްމަދު ޙަސަން މަނިކުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ބަންޑާރަ މިސްކިތުގައެވެ.