ޚަބަރު

ގްރޫޮޕް ސްޓޭޖުގައި ލަންކާއަތުން ބަލިވެ ރާއްޖެއަށް ސެމީގެ ޖާގަ ގެއްލިއްޖެ


ސައުތް އޭޝިއަން އަންޑާ 21 ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ މިކްސް ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖުން ސްރީ ލަންކާ އަތުން ބަލިވެ ދިވެހިރާއްޖެއަށް ސެމީ ފައިނަލުގެ ޖާގަ ގެއްލިއްޖެއެވެ. ލަންކާ ރާއްޖެ ބަލިކުރީ ސީދާ ފަސް ގޭމުންނެވެ.

މެންސް ސިންގަލްސްގައި ވާދަކުރީ ލަންކާގެ ޑުމިންދުއާއި ރާއްޖޭގެ މުޙައްމަދު އާކިފެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ޑުމިންދެވެ. މެޗުގެ ސެޓުތަށް ދުމިންދު ގެންދިޔައީ 21-8 އަދި 1-7ންނެވެ.

އަންހެން ޑަބަލްސްގައި ވާދަކުރީ ލަންކާގެ ހަސާރާ ޗަތުމްހަރީއާއި ރާއްޖޭގެ އައިމިނަތު ނަބޫހާ އަބްދުލްރައްޒާގްއެވެ. މި މެޗުވެސް ލަންކާއިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ދެ ސެޓުވެސް ހަސާރާ ކާމިޔާބުކުރީ 21-5އިންނެވެ.

މެންސް ޑަބަލްސްގައި ލަންކާގެ ޑުމިންދުއާއި ރަންތުޝްކާއާއި ދެކޮޅަށް ރާއްޖެއިން ވާދަކުރީ މުޙައްމަދު އާކިފްއާއި އަހުމަދު ޝިފާއުއެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ލަންކާގެ ކުޅުންތެރިންނެވެ. މެޗުގެ ސެޓުތައް ލަންކާއިން ކާމިޔާބުކުރީ 21-11 އަދި 21-10ންނެވެ.

އަންހެން ޑަބަލްސްގައި ލަންކާގެ ހަސީނީ ނުސާކާއާއި ހަސާރާއާ ދެކޮޅަށް ރާއްޖެއިން ވާދަކުރީ ނަބާހާ އާއި ނަބީހާއެވެ. މި މެޗު ލަންކާއިން ކާމިޔާބުކުރީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓުގެ ބޮޑުބައެއް ރާއްޖެއިން ލީޑުގައި ކުޅެމުން ދަނިކޮށް ފަހުވަގުތު ލަންކާއިން 21-19އިން ސެޓު ހޯދިއެވެ. ދެވަނަ ސެޓުގައި ރާއްޖެއިން ލީޑު ނެގިގޮތަށް ލީޑު ދަމަހައްޓައި 21-17އިން ސެޓު ގެންދިޔައެވެ. ނަމަވެސް ތިންވަނަ ސެޓުގައި ލަންކާއިން ކުޅުން ވަރުގަދަކޮށް ފަސޭހަކަމާއިއެކު 21-12އިން ސެޓު ގެންގޮސް މެޗު ކާމިޔާބުކުރިއެވެ.

ރާއްޖެއަށް މިކްސް ޓީމް އިވެންޓުން ސެމީގެ ޖާގަ ގެއްލުނީ މިކްސް ޑަބަލްސް މެޗުންވެސް ބަލިވުމުންނެވެ. މިކްސް ޑަބަލްސްގައި ލަންކާގެ ރަންތުޝްކާއާއި ޖަނަނުވާނީއާ ދެކޮޅަށް ވާދަކުރީ ރާއްޖޭގެ އަހުމަދު ނިބާލްއާއި ފާތިމަތް ނަބާހާއެވެ. މި މެޗު ސީދާ ދެ ސެޓުން ކާމިޔާބުކުރީ ލަންކާއިންނެވެ. މެޗުގެ ސެޓުތަށް ލަންކާ ގެންދިޔައީ 21-14 އަދި 21-15ންނެވެ.