ސިޔާސީ

ރިޔާސީ އިންތިޚާބުގައި ދެން ވާދައެއް ނުކުރައްވާނަން- ޤާސިމް


ރިޔާސީ އިންތިޚާބުގައި ދެން ވާދަނުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވާފައިވާކަމަށް ޚަބަރު ލިބިއްޖެއެވެ.ގާސިމް އިބްރާހިމް ފަންޑުކޮށްގެން ހިންގާ ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ "މިއަދު" ނޫހުން ބުނެފައިފައިވަނީ، ރިޔާސީ އިންތިޚާބްގައި ދެން ވާދަނުކުރައްވާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވީ މިއަދު އެނޫހަށް އެމަނިކުފާނު ދެއްވި ޚާއްސަ އިންޓަރވިއުއެއްގައިކަމަށެވެ.ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަނުކުރެއްވި ނަމަވެސް އިގްތިސާދީ އިޖްތިމާއި އަދި ސީޔާސީ ޕްލެޓް ފޯމްތަކުގައި ގައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެކަމަށް ގާސިމް ވިދާޅުވިކަމަށްވެސް "މިއަދު" ނޫހުން ބުނެއެވެ.ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ގާސިމް ދެން ފެނިވަޑައިނުގަންނަވާނެކަމަށް އޭނާ ވިދާޅުވި އިރު ނިމިދިޔަ  ދެ ރިޔާސީ އިންތިހާބްގައިވެސް ގާސިމް އިބްރާހިމް ވާދަކުރައްވާފައިވެއެވެ. އަދި އެ ދެ އިންތިޚާބް ކާމިޔާބު ކުރެއްވި ދެ ކެންޑިޑޭޓުން އިންތިޚާބް ކާމިޔާބު ކުރެއްވުމުގައި ގާސިމް ވަނީ މުހިއްމު ރޯލެއް އަދާކުރައްވާފައެވެ.ދެހާސް އަށްވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަބުރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވީ ގާސިމް އިބްރާހިމާ އެކު ކޯލިޝަން ހައްދަވައިގެންނެވެ. އެހެންނަމަވެސް އެ ސަރުކާރުގެ  ހޯމް މިނިސްޓަރުކަމުގެ މަގާމްގައި އެކާވީސް ދުވަހު ހުންނެވުމަށްފަހު ޤާސިމްވަނީ މަގާމުން އިސްތިއުފާދެއްވާ ކޯލިޝަނުންވެސް ވަކިވެވަޑައިގެންފައެވެ.ނިމިދިޔަ ރިޔާސީ އިންތިހާބްގައި ދެވަނަ ބުރުން ރައީސް އަބްދުﷲ ޔާމީން އިންތިހާބް ކާމިޔާބު ކުރައްވާ ވެރިކަމަށް ވަޑައިގަތީވެސް ގާސިމް އިބްރާހިމްގެ ޖޭޕީއާއެކު ކޯލިޝަން ހައްދަވައިގެންނެވެ. އެހެންނަމަވެސް ރައްޔިތުން މަޖިލީހުގެ ރައީސް ހޮވުމާމެދު އުފެދިގެން ދިޔަ ޚިޔާލް ތަފާތުވުންތަކެއްގައި ސަރުކާރަށް އަހަރެއްވެސް ނުވަނީސް ކޯލިޝަނުން ޖޭޕީ ވަކިކޮށް އެ ޕާޓީއަށް ސަރުކާރުން ދެއްވާފައިވާ މަގާމްތައް ނަގާފައިވެއެވެ. އޭގެ ފަހުން ސަރުކާރާއި ދެކޮޅަށް ހިންގި ބައެއް ހަރަކާތްތަކުގެ އިސްސަފުގައިވެސް ގާސިމް އިބްރާހިމް ބައިވެރިވެޑައިގެންފައިވެއެވެ.އިންތިހާބްތަކުގައި ވާދަނުކުރައްވާނެކަމަށް ގާސިމް އިބްރާހިމް ވިދާޅުވި އިރު ރައީސްކަމާއި ނައިބު ރައީސްކަމަށް ކުރިމަތިލެވޭ އުމުރަށް ބަދަލުގެނައުމަށް ސަރުކާރުން މަޖިލީހަށް ހުށައެޅުއްވި ބިލަށް ތާއީދުކޮށްދިނުމަށްވެސް ގާސިމް ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގައި އެދިވަޑައިގެންފައިވާކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް، މިޚަބަރާ ގުޅޭގޮތުން ސީދާ ގާސިމްގެ ބަހެއް ނުވަތަ ގާސިމްގެ އަރިސް ބޭފުޅެއްގެ ބަހެއް އަދި ލިބޭގޮތް ވަނީ ނުވެފައެވެ.މުއުތަބަރު ގޮތެއްގައި ޕީއެސްއެމް އަށް މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސް ޔާމީންއާއި، ގާސިމް އިބްރާހިމް މިވަގުތު ތިއްބެވީ ޖަރުމަނުވިލާތުގައެވެ.