ޚަބަރު

އިންޑިއާގެ ފުލުހުން މުޒާހަރާކުރަމުންދިޔަ 40 މީހުން ހައްޔަރުކޮށްފި


އިންޑިއާގެ މުމްބާއީގައި މެޓްރޯ ރޭލް ޕާކްކުރާނެ ސަބްވޭ ސްޓޭޝަނެއް ހަދަން 2،700 ވަރަކަށް ގަސް ކަނޑާލުމާ ދެކޮޅަށް މުޒާހަރާކުރަމުންދިޔަ މީހުންގެ ތެރެއިން 40 މީހުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު މުޒާހަރާކުރަން ނުކުތް މީހުންވަނީ އާރޭ ކޮލޮނީ ނަމަކަށް ކިޔާ ހިސާބެއްގައި ހުރި ގަސްތަކެއްގައި ހިފަހައްޓައިގެން ތިބެން ދިމާކޮށްފައެވެ. އެމީހުން އެގޮތަށް ޢަމަލުކުރީ އޭރު އެ ގަސްތައް ކަނޑަން އުޅުނު މީހުން އެކަން ކުރިޔަ ނުދިނުމުގެ ގޮތުންނެވެ. މިހެންކަމުން އެތަނަށް ފުލުހުން ގޮސް އެހިސާބު ބަންދުކޮށް މުޒާހަރާކުރަމުން ދިޔަ މީހުންވަނީ އެތަނުން ދުރަށްޖައްސާފައެވެ.

ގަސްތައް ކެނޑުން ހުއްޓުވުމަށް މުމްބާއީގެ ހައިކޯޓަށް ހުށަހެޅުނު ހުރިހާ މައްސަލަތަކެއް އެ ކޯޓުންވަނީ ބޭރުކޮށްލާފައެވެ. މިހެންކަމާއެކު ކަމާބެހޭ ފަރާތްތަކުންވަނީ ރެއިލް ޕާކިން ޝެޑް ހެދުމުގެ މަސައްކަތް ފަށާފައެވެ. އާރޭ ކޮލޮނީގެ ގަސްތައް ޙިމާޔަތްކުރަން މަސައްކަތްކުރާ ތިމާވެއްޓާބެހޭ ފަރާތްތަކުން ބުނަމުންދަނީ ކޯޓުގެ ޙުކުމް ބަލައިނުގަންނާނެކަމަށެވެ. އެތަން ހެދުމުން އެ ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލަ ކުޑަވެގެންދާނެކަމަށް ބެލެވެއެވެ

މުމްބާއީއަކީ ދުނިޔޭގެ އެންމެ މީހުން ގިނަ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ތިމާވެށި ޙިމާޔަތްކުރަން މަސައްކަތްކުރާ އެކްޓިވިސްޓެއްކަމަށްވާ ޑެބީ ގޮޔެންކާ ބުނެފައިވަނީ ކޯޓުގެ ޙުކުމާމެދު ހިތާމަކުރާކަމަށާއި އެ ޙުކުމް ނެރުނު ދުވަހު ގަސްތައް ކަނޑަން ފަށާފައިވާތީ އެކަމާ ވަރަށް ނުރުހޭކަމަށެވެ.