ޚަބަރު

މިއަންނަ އަހަރުގެ ބީޗް މުބާރާތަށް ކިއު ހަދައިފި - ރަނޭޝް


ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގެ ދެވަނަ ދުވަހު، މުބާރާތުގެ މަޤުސަދު ޙާސިލް ވެއްޖެކަމަށް މިމުބާރާތް އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށްއުޅުނު އެއްފަރާތް މުހައްމަދު ރަނޭޝް ބުނެފިއެވެ.

ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތް ވަރަށް ކާމިޔާބުކުކަމާއެކު ނިންމާލާފައިވަނީ ފުރަވެރި މޯލްޑިވްސްގައި 80އަށް ވުރެއް ގިނަ ކުޅުންތެރިންނާއެކުއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މިމުބާރާތުގައިވަނީ ތިން ކެޓަގަރީއެއް ހިމަނާފައެވެ. އެއީ އެންމެ ޕްރޮފެޝަނަލް ކުޅުންތެރިން ކުޅޭ ޕްރޯ ޑިވިޝަންއާއި، އަންހެން އަދި ފިރިހެން އެއް ކުޅުންތެރިން ލައިގެން ކުޅެވުނު މިކްސް ޑިވިޝަން އާއި ޢާއިލާތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ތިން ފިރިހެން ކުޅުންތެރިންނާއި އެއް އަންހެން ކުޅުންތެރިއަކު ލައިގެން ކުރިއަށް ގެންދިޔަ ކުއާޑްސް ޑިވިޝަންއެވެ.

މުބާރާތަށްފަހު ޕީއެސްއެމްއިން ވޮލީއަށް ހާއްސަކޮށްގެން ގެނެސްދޭ ޓައިމް އައުޓް ޕްރޮގްރާމްގައި ވާހަކަދައްކަމުން ވޯލްޑިވްސް ވޮލީ ބޯލް އެސޯސިއޭޝަންގެ ކުރީގެ ސީނިއަރ ނައިބް ރައީސް މުޙައްމަދު ރަނޭޝްބުނީ މިއީ ވަރަށް ކުރިން ކުރެވުނު ހިޔާލެއްކަމަށާއި މިމުބާރާތް ހަގީގަތަކަށް ހެދުނީ އެމްވީވީގެ ސަބަބުންކަމަށެވެ. ރަނޭޝްބުނީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާވުނުއިރު، މުބާރާތުގެ ދެވަނަ ދުވަހު ސްޕޮންސަރުންނާއި ރިސޯޓްތަކުން ގުޅަން ފަށާފައިވާކަމަށެވެ. ފުރަވެރި މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތް މިއަހަރު ކުރިއަށް ގެންދެވުނީ މާބޮޑު އިސްތިހާރު ކުރުމަކާއި ނުލާކަމަށާއި ނަމަވެސް މުބާރާތުގައި ވަރަށް މޮޅެތި ވޮލީ ކުޅުންތެރިން ވަދަކޮށްފައިވާކަމަށް ރަނޭޝް ބުނިއެވެ.

"މުބާރާތުގެ ދެވަނަ ދުވަހު މުބާރާތް ކާމިޔާބުވެއްޖެއޭ މިބުނަނީ ސްޕޮންސަރުންނާއި ރިސޯޓްތަކުން އަދި ބީޗް މުބާރާތުގައި ކުޅުނު ކުޅުންތެރިންގެ ފަރާތުން އެހެން މޮޅެތި ގައުމްތަކުގެ ކުޅުންތެރިންގެ މެސެޖްތަށް ލިބެންފެށި. މިހާރު އަޅުގަނޑުމެންނަށް އެންމެ ބޮޑު ޗެލެންޖްއަކީ މިއަންނަ އަހަރު މުބާރާތް ބެއްވުން. ގިނަ ރިސޯޓްތަކުން އެރިސޯޓްގައި މުބާރާތް ބެއްވުމަށް ބޭނުންވެއްޖެ. ސްޕޮންސަރުން މިއަންނަ އަހަރުގެ މުބާރާތް ބާއްވާނެ ދުވަހަކަށް އިންތިޒާރު ކުރަން ފަށައިފި. މިމުބާރާތުން ލިބޭ އެންމެ ބޮޑު އުފަލަކީ، މީގެ ކުރިން ނުކުރެވިފައިވާ ކަމެއް ކުރުމުގެ އިތުރުން، މުބާރާތް ނިމުމާއެކު މިއަންނަ އަހަރުގެ މުބާރާތް ބޭއްވުމަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭނެ ކަމުގތެ ޔަގީންކަން ލިބިގެންދިއުން. އަދި ދުނިޔޭގެ މޮޅެތި ކުޅުންތެރިންގެ މިއަންނަ އަހަރުގެ މުބާރަތަށް އަންނަން މަސައްކަތް ކުރުމަށް ބޭނުންވާ ކަމުގެ މެސެޖްތަށް ލިބިގެން ދިއުން." ނަރޭޝް ބުންޏެވެ.

ރަނޭޝް ބުނީ މިއަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ދުރާލާ މަސައްކަތް ފަށާނެކަމަށާއި މިއަންނަ އަހަރުގެ މުބާރާތުގައި ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ބައިވެރިވާނެކަމަށް އެއްވެސް ޝައްކެއްވެސް ނެތްކަމަށް ރަނޭޝް ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގެ ޕްރޯ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ދުނިޔޭގެ މަޝްހޫރު ބީޗް ވޮލީބޯޅަ ޕެއަރ މެކްކިބިން ބްރަދާސްއިންނެވެ. މިކްސް ޑިވިޝަންގެ ޗެންޕިއަންކަން ހޯދާފައިވަނީ މިރާޖްގެ ޕެއަރއާއިންނެވެ. ކުއާޓްރޯ ޑިވިޝަންގެ ޗެންޕިއަންކަން ހޯދާފައިވަނީ ދުބާއީގެ ޓީމްއިންނެވެ. ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގައި 25 ޤައުމަކުން 80އަށް ވުރެއް ގިނަ ކުޅުންތެރިން ވާދަކުރިއެވެ.