ކުޅިވަރު

މަގާމުން ވަކިކޮށްފާނެތީ ބިރެއް ނުގަނޭ: ޕޮޗެޓިނޯ


ޓޮޓެންހަމް މި ސީޒަނުގައި ނެރެމުންދަނީ ދަށް ނަތީޖާތަކެއްކަން ގަބޫލުކުރާ ކަމަށާއި ނަމަވެސް މަގާމުން ވަކިކޮށްފާނެތީ އެކަމާ ބިރު ނުގަންނަ ކަމަށް ޓޮޓެންހަމުގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ލީގުގައި ރޭ ބްރައިޓަން އަތުން 3-0އިން ބަލިވި މެޗަށް ފަހު އެވެ. މިއާއެކު ޓޮޓެންހަމް އޮތީ އަށް މެޗުން 11 ޕޮއިންޓާއެކު ޓޭބަލުގެ އަށް ވަނާގަ އެވެ. ޕޮޗެޓޯނީގެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކް އަތުން 7-2އިން ވެސް ބަލިވެފަ އެވެ. ރޭގެ މެޗަށް ފަހު އޭނާ ބުނީ ކަންކަން ދަނީ ގޯސްކޮށް ކަމަށާއި ނަމަވެސް އޭނާ އަކީ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ރަނގަޅުކުރެވޭހާ މޮޅު ޕްރޮފެސަރެއްނޫން ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ކަންކަމާ ކުރިމަތިލުން. އަހަރުމެން އެބަޖެހޭ މިވަގުތު އަންނަ ފާޑުކިއުންތަކާ ކުރިމަތިލާން. އިތުރަށް ގަދަ އަޅައި މަސައްކަތްކުރަން. އެނޫނީ ކަންކަން ހައްލެއްނުވާނެ. އަހަރުމެންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނީ މެޗުތަކަކުން މޮޅވެގެން. މިވަގުތު އެންމެ މުހިންމުވެފައިވަނީ މޮޅެއް ހޯދުން،" މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގުގެ ތިން ވަނަ ހޯދައި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު ޓީމުގެ ކޯޗު ބުންޏެވެ.

ޕޮޗެޓޯނޯ ބުނީ ޓޮޓެންހަމުގެ ކެޕްޓަން އަދި ކީޕަރު ހޫގޯ ލޮރިސް އަށް ރޭގެ މެޗުގައި އަނިޔާވެގެން ބާލަން ޖެހުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ކުޅުންތެރިޔާ އަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިދާނެ ކަމަށެވެ.