ކުޅިވަރު

ޒުވާން ޓީމުތައް ހޯދަމުންދަނީ އުއްމީދީ ނަތީޖާތަކެއް: ނިޒާމްބެ


ޒުވާން ގައުމީ ޓީމުތައް މިފަހަރު ނެރެމުންދަނީ ވަރަށް އުއްމީދީ ނަތީޖާތަކެއް ކަމަށް ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް ބުނެފި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އަދުގެ ހާލަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ނިޒާމް ބުނީ އެފްއޭއެމުން ޓުވާޑްސް ފިއުޗާ ޕްރޮޖެކްޓްގެ ދަށުން ކުރަމުންދަނީ ރަނގަޅު މަސައްކަތްތަކެއް ކަމަށެވެ. މި ގޮތުން އޭނާގެ ކޯޗުކަމުގެ ދަށުން ގައުމީ 16 އަހަރުން ދަށުގެ ޓީމު ނެރުނު ނަތީޖާ އާއި މިހާރު 19 އަހަރުން ދަށުގެ ޓީމު ނެރެމުންދާ ނަތީޖާތަކަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގު ރަނގަޅުވާނެ ކަމުގެ ނިޝާންތަކެއް ކަމަށެވެ.

"އެންމެ މުހިންމު އެއް ކަމަކީ ޓީމުތަކަށް ކުޅޭނެ ކުޅުންތެރިން ޒުވާން ލެވެލްގައި ފާހަގަވެގެން ދިއުން. ކުރިން ވެސް އިންޓަ ސްކޫލް ކަހަލަ މުބާރާތްތަކުން ގިނަ އަދަދަކަށް ރަނގަޅު ކުޅުންތެރިން ލިބޭ. މިއަދު އެބައި ދަށްވެފައި އޮތުމަށްފަހު މިހާރު ދަނީ ރަނގަޅުވަމުން. މިހެންވީމަ މިއަދު ދޫކޮށްލާފައި މާދަމާ އަށް އެފްއޭއެމުން ވިސްނާ ކަމަށް ނުބުނެވޭނެ. ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދަނީ،" ނިޒާމްބެ ބުންޏެވެ.

ނަމަވެސް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ފާއިތުވެދިޔަ 10 އަހަރަށް ބަލާއިރު ދިވެހި ފުޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް އޮތީ ފެއިލްވެފައި ކަމަށެވެ. އެކަމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި ފުޓްބޯޅައަށް ދިމާވެގެން އުޅެނީ އެފްއޭއެމް ބޮލަށް އެކަނި ހުރިހާ ޒިންމާއެއް އަމާޒުކުރެވޭނެ މައްސަލައެއްނޫން ކަމަށެވެ.