ކުޅިވަރު

ޓީމް މިކްސް އިވެންޓުގެ ފުރަތަމަ ޓައި އިން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެ


21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ ޓީމް މިކްސް އިވެންޓުގެ ފުރަތަމަ ޓައި އިން ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވެއްޖެއެވެ.

އައްޑޫ ސިޓީގައި އިއްޔެ ފެށި މުބާރާތުގައި ޓީމް އިވެންޓުގެ ފުރަތަމަ ޓައި އިން ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވީ 3-2ގޭމުންނެވެ. ބަންގްލަދޭޝްއިން މެންސް ސިންގަލްސް އާއި މެންސް ޑަބަލްސް އަދި މިކްސް ޑަބަލްސް ގޭމް ކާމިޔާބުކުރިއިރު ރާއްޖެއަށް ކާމިޔާބުކުރެވުނީ އަންހެން ސިންގަލްސް އާއި އަންހެން ޑަބަލްސްގެ ގޭމެވެ.

މެންސް ސިންގަލްސްގައި ވާދަކުރީ ރާއްޖޭގެ އަޙުމަދު ނިބާލް އާއި ބަންގްލަދޭޝްގެ ގުރާބް ސިންހާއެވެ. މިމެޗު 2-1 ސެޓުން ކާމިޔާބުކުރީ ގުރާބް ސިންހާއެވެ. މެޗުގެ ފުރަތަމަ ސެޓު 21-18 އިން ގެންދިޔައީ ގުރާބް ސިންހާއެވެ. ނަމަވެސް ކުޅުން ވަރުގަދަކޮށް ދެވަނަ ސެޓު 21-18 އިން ނިބާލް ކާމިޔާބުކުރިއެވެ. ތިންވަނަ ސެޓުގައި ނިބާލްއަށް ހެދުނު ގޯސްތަކެއްގެ ބޭނުންހިފައި ގުރާބް ސިންހާ 21-15 ސެޓު ގެންގޮސް މެޗު ކާމިޔާބުކުރިއެވެ.

އަންހެން ސިންގަލްސްގައި ބަންގްލަދޭޝްގެ އުރްމީ އަކްތަރްގެ މައްޗަށް ރާއްޖޭގެ ނަބާހާ އަބްދުލް ރައްޒާގް ކުރިހޯދީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް ނަބާހާ ގެންދިޔައީ 21-14 އަދި 21-10 އިންނެވެ.

މެންސް ސިންގަލްސްގައި ބަންގްލަދޭޝްގެ ޕެއާ ފެނުނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން ބަންގްލަދޭޝްގެ ޕެއާއިން ރާއްޖޭގެ މުޙައްމަދު އާކިފް އާއި އަޙުމަދު ޝިފާއުގެ ޕެއާގެ މައްޗަށް ކުރިހޯދީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް ބަންގްލަދޭޝްގެ ޕެއާއިން ގެންދިޔައީ 21-9 އަދި 21-16 އިންނެވެ.

އަންހެން ޑަބަލްސްގައި ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖޭގެ ނަބާހާ ޢަބްދުލް ރައްޒާގް އާއި ނަބީހާ ޢަބްދުލް ރައްޒާގް ވާދަކުރަން އޮތް މެޗު ބަންގްލަދޭޝްގެ ޕެއާ ވާދަނުކުރުމުގެ ސަބަބުން ރާއްޖެއަށް މެޗު ލިބުނެވެ.

މިކްސް ޑަބަލްސްގައި ރާއްޖޭގެ އަޙުމަދު ނިބާލް އާއި ނަބީހާ އަބްދުލް ރައްޒާގެ ޕެއާ ބަންގްލަދޭޝްގެ ގުރާބް ސިންހާ އާއި އުރްމީ އަކްތަރްގެ ޕެއާއަތުން ބަލިވީ ސީދާ ދެސެޓުންނެވެ. މެޗުގެ ސެޓުތަށް ބަންގްލަދޭޝްގެ ޕެއާއިން ގެންދިޔައީ 21-19 އަދި 21-7 އިންނެވެ.

މުބާރާތުގެ މިކްސްޑް ޓީމް އިވެންޓުގައި ރާއްޖެ ހިމެނޭ ގުރޫޕް ބީގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާ އާއި ނޭޕާލްއެވެ. ލަންކާ އާއި ނޭޕާލްގެ ކުރިމަތިލުން ސީދާ 5 ގޭމުން ކާމިޔާބުކުރީ ސްރީލަންކާއެވެ. މުބާރާތުގައި ދެން ރާއްޖެ ވާދަކުރަންޖެހޭނީ ލަންކާ އާއި ދެކޮޅަށެވެ.