ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ނިންމަވާފައިވާ އެ ޤައުމުގެ ކުރީގެ ދިފާޢީވަޒީރު ގޮތަބަޔާ ރާޖަޕަކްސަގެ ރަށްވެހިކަމާ ގުޅޭގޮތުން އުފެދިފައިވާ ޤާނޫނީ މައްސަލަ ބެލުމަށް އެ ޤައުމުގެ ކޯޓަކުން ދެކޮޅު ހަދައިފިއެވެ.
ގޮތަބަޔާގެ ރަށްވެރިކަމުގެ މައްސަލައިގައި ހުށަހަޅާފައިވާ ޕެޓިޝަންގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ތިން ފަނޑިޔާރުންގެ ޕެނަލްގެ އިއްތިފާޤުން ނިންމާފައިވަނީ އެއީ ޤާނޫނީ ގޮތުން ބަލަންޖެހޭ ވަރުގެ ހުއްޖަތެއް އޮތް މައްސަލައެއް ނޫންކަމަށް ނިންމާފައެވެ. މިއާއެކު އަންނަ ނޮވެމްބަރު މަހުގެ 16ވަނަ ދުވަހު ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ގޮތަބަޔާއަށް ކުރިމަތިވި ހުރަސްތައް މިވަނީ ނެތިގެންގޮސްފައެވެ. މި މައްސަލަ ޙައްލުވުމާއެކު ގޮތަބަޔާއަށް ތާޢީދުކުރާ ފަރާތްތައް އުފާފާޅުކުރަމުންގެންދާއިރު، އޭނާއާމެދު ބެލެވިފައިވަނީ ރައްޔިތުންގެ މެދުގައި އެންމެ ބޮޑު މަޤުބޫލުކަމެއް ލިބިވަޑައިގެންހުންނެވި ސިޔާސީ ގޮތުން އެންމެ ވަރުގަދަ ކެނޑިޑޭޓްގެ ގޮތުގައެވެ.
2005ވަނަ އަހަރު ގޮތަބަޔާ ރާޖަޕަކްސަ އެމެރިކާގެ ރަށްވެހިކަން ހޯއްދެވިއިރު ސްރީލަންކާގެ ރަށްވެހިކަން ހޯއްދަވާފައިނުވާކަމަށާ ދެ ޤައުމުގެ ރަށްވެހިކަން ހޯދިކަމަށްބުނެ ގޮތަބަޔާ ހޯއްދަވާފައިވާ ސެޓްފިކެޓަކީ ޣައިރު ގާނޫނީ ސެޓްފިކެޓެއްކަމަށް ޕެޓިޝަން ހުށަހެޅި އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ދެ މީހުންވަނީ ތުޙުމަތުކޮށްފައެވެ. މިކަންކަމަށް ބަލާއިރު ގޮތަބަޔާ ރާޖަޕަކްސައަކީ ސްރީލަންކާގެ ރައްޔިތެއް ނޫންކަމަށާ ސްރީލަންކާގެ ރައްޔިތަކަށްނުވާ ބޭފުޅަކު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް އަހުލުވެރިނުވާނެކަމަށް އެ ދެމީހުން ބުންޏެވެ.
އެ ޤައުމުގެ ޤާނޫނު ބުނާގޮތުން ސްރީލަންކާގެ ރައްޔިތުން ނޫން މީހުންނަށާއި އެ ޤައުމުގެ ރަށްވެހިކަމާއެކު އެހެން ޤައުމެއްގެ ރަށްވެހިކަން އޮންނަ ޑުއަލް ސިޓިޒެންޝިޕް މީހުންނަށް ސްރީލަންކާގެ އިންތިޚާބުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެއެވެ.
އެމެރިކާގެ ރަށްވެހިކަން ހޯއްދެވުމަށްޓަކައި ގޮތަބަޔާވަނީ 2003ވަނަ އަހަރު ސްރީލަންކާގެ ރަށްވެހިކަން ދޫކޮށްލައްވާފައެވެ. ނަމަވެސް ގޮތަބަޔާގެ ބޭބެ މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި އޭނާވަނީ އަލުން ސްރީލަންކާގެ ރަށްވެހިކަން ހޯއްދަވާފައެވެ. ނަމަވެސް މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި ގޮތަބަޔާ ހޯއްދެވި ސެޓްފިކެޓަކީ ޣައިރު ޤާނޫނީ ސެޓްފިކެޓެއްކަމަށް އެކަމާދެކޮޅަށް ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނެއެވެ.
ގޮތަބަޔާގެ ތަރުޖަމާން ކެހެލިއާ ރަމްބުކްވެލާވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ގޮތަބަޔާގެ ސްރީލަންކާގެ ރަށްވެހިކަމާމެދު އެއްވެސް އޮޅުމެއް އަދި ޝައްކެތް ނެތްކަމަށެވެ. އަދި ޕެޓިޝަން ހުށަހެޅި ފަރާތްތަކުން މަސައްކަތްކުރަނީ ރައްޔިތުންނަށް ޙަޤީޤަށް އޮޅުވާލަންކަމަށްވެސް ގޮތަބަޔާގެ ތަރުޖަމާން ވިދާޅުވިއެވެ.