ސިޔާސީ

ހުރިހާ ޕާޓީއަކުންވެސް މަޝްވަރާއަށް އަންނަންވާނީ ޝަރުތަކާނުލާ


ސަރުކާރާއެކު މަޝްވަރާ ކުރެއްވުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަކަށް ހުޅުވާލާފައިވާއިރު، ހުރިހާ ޕާޓީތަކުންވެސް މަޝްވަރާއަށް އަންނަންވާނީ ޝަރުތުތަކަކާއި ނުލާ ހުޅުވާލެވިފައިވާ ހިތަކާއިގެން ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.އިންޑޮނޭޝިއާގެ ބާލީގައި އޮތް އިންޓަރނޭޝަނަލް ސްޓޫޑެންޓް އެނާރޖީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން އެއަރޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، މަޝްވަރާތަކަށް އަންނަން ވާނީ ޝަރުތެއްނެތި ސާފު ހިތަކާ އެކުގައި ކަމަށާއި، ޝަރުތުތަކެއް ކުރުމަށްފަހު މަޝްވަރާތަކަށް އައުމުން މަޝްވަރާގެ މަގުސަދުވެސް ގެއްލޭނެކަމަށެވެ. އަދި ޕީޕީއެމަކީ އަބަދުވެސް ހުރިހާ ޕާޓީތަކާއި މަޝްވަރާކުރާނެ ޕާޓީއެއްކަމަށާއި، މަޝްވަރާއަށް އެޕާޓީން އަބަދުވެސް މަރުހަބާކިޔާކަމަށެވެ.ސަރުކާރާއެކު މަޝްވަރާ ކުރެއްވުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީތަކަކަށް ހުޅުވާލާފައިވާއިރު، މިހާތަނަށް މި މަޝްވަރާތަކުގައި އެއްވެސް ޝަރުތަކާ ނުލާ ބައިވެރިވެފައިވަނީ ޖުމްހޫރީ ޕާޓީން އެކަންޏެވެ.ބާލީގައި ކުރިއަށްދިޔަ އިންޓަރނޭޝަނަލް ސްޓޫޑެންޓް އެނާރޖީ ސަމިޓާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ސަމިޓުގައި މޫސުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށާއި، ތިމާވެއްޓާއި ގުޅޭގޮތުން ބައިވެރިންނަށް އެމަނިކުފާނުގެ އަމިއްލަ ތަޖުރިބާ ހިއްސާކުރެއްވިކަމަށެވެ.މި ސަމިޓްގެ އެންމެ ބޮޑު ބޭނުމަކީ، ޒުވާނުންނަކީ މުސްތަގުބަލްކަމަށް ވާއިރު، ޒުވާނުން ބައިވެރިކޮށްގެންނޫނީ ތިމާވެއްޓާ ގުޅޭ ކަންކަން ކާމިޔާބު ނުވާނެތީކަމަށެވެ. މިސަމިޓްގައި ދުނިޔޭގެ ސަތޭކަ އެއް ގައުމަކުން ނުވަސަތޭކައަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވޭ. އެފަރާތްތަކަށް ރާއްޖެއާ ބެހޭ މައުލޫމާތު ދީފައިވާކަމަށާއި، އެގޮތުން ރާއްޖެއަކީ ވަސީލަތްތައް މަދު ބިން ތިރި ގައުމެއްކަމަށާއި، ތިމާވެއްޓާ ރާއްޖެއާ އޮތް ގުޅުން އެފަރާތްތަކަށް  ބުނެދީފައިވާކަމަށްވެސް ރައީސް މައުމޫން ވިދާޅުވިއެވެ.