ކުޅިވަރު

އަމާޒަކީ ޕާކިސްތާން ބަލިކޮށް ޓީމް އިވެންޓުގެ ސެމީއިން ޖާގަ ހޯދުން - ނިބާލް


ޕާކިސްތާނާއި ދެކޮޅަށް މީގެކުރިން ދުވަހަކުވެސް ނުކުޅޭކަމަށާއި، ނަމަވެސް މެޗަށް ނިކުންނާނީ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ އަމާޒުގައި ކަމަށް ޤައުމީ ބެޑްމިންޓަން ޓީމުގެ އަޙުމަދު ނިބާލް ބުނެފިއެވެ.

އައްޑޫ ސިޓީގައި މިއަދު ފެށުމަށް ތައްޔާރުވެފައިވާ 21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން ޗެމްޕިއަންޝިޕްގައި ރާއްޖެއިން ފުރަތަމަ ވާދަކުރުން ޖެހެނީ ޓީމް އިވެންޓުގެ ކުއާޓާ ފައިނަލުގައި ޕާކިސްތާނާއި ދެކޮޅަށެވެ.

މިމެޗުގެ ކުރިން ޕީއެސްއެމް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ނިބާލް ބުނީ، މީގެ ކުރިން ޕާކިސްތާނާއި ދެކޮޅަށް ވާދަ ނުކުރާ ކަމަށާއި އެހެންކަމުން އެޓީމުގެ ކުޅުން އެހާ ބޮޑަށް ނޭންގޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން މިމުބާރާތުގައި ވާދަކުރި ދެފަހަރުވެސް ޓީމް އިވެންޓުން ސެމީގެ ޖާގައެއް ރާއްޖެއަށް ލިބިފައި ނެތުމުން މިއަދުގެ މެޗަށް ނިކުންނާނީ ޕާކިސްތާން ބަލިކޮށް ސެމީއިން ޖާގަ ހޯދުމުގެ އަމާޒުގައި ކަމަށްވެސް ނިބާލް ބުންޏެވެ.

ފަރިތަކުރުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ނިބާލް ބުނީ، އެންމެ ފަހުގެ ފަރިތަކުރުންތަކަށް ދެދުވަހެއްވަރު ކުރިން އައްޑޫއަށް އައި ކަމަށާއި، ނަމަވެސް ފަރިތަކުރަން ޖެހުނީ މުބާރާތް ބާއްވާ ކޯޓުގައި ނޫން ކަމަށެވެ. ނަމަވެސް ކޯޓަށް ހޭނެން ވަރަށް ބޮޑަށް މަސައްކަތް ކުރާނެ ކަމަށްވެސް ނިބާލް ބުންޏެވެ.

"މިއަދު ވާދަކުރަން މިޖެހެނީ ޕާކިސްތާނާ ދެކޮޅަށް، އެއީ މީގެ ކުރިން އަޅުގަންޑުމެން އަދި ވާދަނުކުރާ ޓީމެއް، އެހެންވީމަ އެއީ ކޮންމެސް ވަރެއްގެ ޑިސްއެޑްވާންޓޭޖެއް ކަންނޭންގެ، އެއީ އެޓީމުގެ ކުޅުން އެހާ ބޮޑަކަށް ނޭންގެ. އެކަމު މީގެ ކުރިން ދުވަހަކުވެސް މިމުބާރާތުގަ ޓީމް އިވެންޓުން ރާއްޖެއަށް އަދި ސެމީއިން ޖާގަ ނުލިބޭ. އެހެންވީމަ އަލޫގަނޑުމެންގެ އަމާޒަކީ އެކަން ބަދަލުކުރުން." ނިބާލް ބުންޏެވެ.

މިމުބާރާތުގައި ސާކް ރަހައްދުގެ 7 ގައުމުން ޖުމްލަ 56 އެތްލީޓުން ވާދަކުރާނެއެވެ.