ޚަބަރު

އެންޑީއެމްއޭއިން ޖަމްބަލް ސޭލްއެއް ބާއްވައިފި


މިދިޔަ މަހުގެ 20ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ޙާދިސާގެ އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ޚާއްސަ ޖަމްބަލް ސޭލްއެއް ބާއްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އެންޑީއެމްއޭގެ ރިލީފް ޑިސްޓްރިބިއުޝަން ސެންޓަރގެ އިންޗާރޖް އާމިނަތު އިޒްދިޙާ ރުޝްދީ ވިދާޅުވީ، މި ޙަރަކާތަކީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާއަތްތަކާއި، ދަރުމަވެރިން ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެއްކަަމަށެވެ.

މިއަދާއި އަދި މާދަމާގެ ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު ދިހަޔަކުން އެގާރައަށް ކުރިއަށްގެންދާ މި ޙަރަކާތުގައި ވިއްކުމަށް ހަމަޖެހިފައިވަނީ، އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް އެކި ފަރާތްތަކުން ހަދިޔާކުރި އަންނައުނުގެ ތެރެއިން މިހާރު ނުގެންގޮސްހުރި އަންނައުނުތަށްކަމަށް އިޒްދިހާ ވިދާޅުވިއެވެ. ސޯޝަލް ސެންޓަރ އައުޓް ޑޯގައި ކުރިއަށްގެންދާ މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާކަމަށް އިޒްދިހާ ވިދާޅުވިއެވެ. މިޖަމްބަލް ސޭލުން ލިބޭ ހުރިހާ ފައިސާއެއް ޖަމާކުރާނީ މިހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށްހެދި މާލެ ފަޔަރ ރިލީފް އެކައުންޓަށް އިޒްދިހާ ވިދާޅުވިއެވެ.

ހ.އަބަދަށްފެހި މަގު ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް، އެންޑީއެމްއޭއިން ޚާއްސަ ޖަމްބަލް ސޭލެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު، މިހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ގިނަ ފަރާތްތަކަކުންވަނީ ފަންޑުތަށް ހަދައިގެން އެހީވުމުގެ މަސައްކަތް ކުރަމުންނެވެ.