ޚަބަރު

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ 25،000 ފުރުސަތު!


ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ސަރުކާރުން ހުޅުވާލާފައިވާ ފުރުޞަތުގެ ދަށުން 2023ވަނަ އަހަރު ނިމެންވާއިރަށް 25،000 ފަރާތަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ ސަރުކާރުގެ 4 އަހަރުގެ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"ގައެވެ.

ތަޢުލީމީ ޤާބިލު ޖީލެއް ބިނާކުރުމަކީ މަތީ ތަޢުލީމުގެ ދާއިރާއިން ހާސިލްުކުރުމަށް ސަރުކާރުން ވެވަޑައިގެންފައިވާ އެންމެ ބޮޑު ވަޢުދެވެ. ކިޔެވުމަށް ޝަޢުގު ހުރި، ނަމަވެސް މާލީ ދަތިކަމުގެ ސަބަބުން ތަޢުލީމަށް ހުރަސް އެޅިފައިވާ އެތަށް ބަޔަކު ރާއްޖޭގައި ތިިބިއިރު، ސަރުކާރުގެ ފުރަތަމަ ޑިގްރިއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމާއެކު އެފަދަ ފަރާތްތަކަށް މާލީ ދަތިކަމެއް ނެތި ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު މިހާރިވަނީ ފަހިވެފައެވެ. މިއަހަރުގެ ކުރީކޮޅު ހުޅުވާލި މި ފުރުޞަތުގައި މިހާތަނަށް 3000އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ދީފައެވެ.

ސަރުކާރުން ކުރިއަށް އޮތް 4 އަހަރަށް ކުރުމަށް ނިންމާފައިވާ ކަންކަން ހިމަނާފައިވާ "ސްޓްރެޓެޖިކް އެކްޝަން ޕްލޭން"ގައި ވަނީ މަތީ ތަޢުލީމާއި ގުޅޭ މުހިންމު 6 ވަޢުދެއް ހިމަނާފައެވެ. އެގޮތުން އެންމެ މުހިންމު އެއް ވަޢުދެއްގެ ގޮތުގައި ހިމަނާފައިވަނީ 2023އާއި ހަމައަށް ފުތަރަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ ފުރުސަތު 25،000 ފަރާތަށް ދިނުމެވެ. ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ހުޅުވާލުމާއެކު މަތީ ތަޢުލީމަށް ކިޔަވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މި އެކްޝަން ޕްލޭންގައި ވަނީ ސަރުކާރުގެ ލޯނު އެހީގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް ދައްކުރުމަށްވެސް ހިމަނާފައެވެ. ދަރިވަރުންނަށް ދޫކުރާ ލޯނުގެ އިންޓްރެސްޓްގެ ގޮތުގައި %5 ނަގަމުން އައި އައުން %3އަށް މި ސަރުކާރުންވަނީ ކުޑަ ކޮށްފައެވެ. އަދި އަލަށް އެކުލަވާލި ސަރުކާރުގެ އެކްޝަން ޕްލޭންގައި ވަނީ 2021ވަނަ އަހަރުގެ ނިޔަލަށް ލޯނު އިންޓްރެސްޓް %1އަށް ކުޑަކުރުމަށް ނިންމާފައެވެ.

ސަރުކާން ވަނީ ރާއްޖޭގެ 5 ސަރަަޙައްދެއްގައި މަތީ ތަޢުލީމު ދިނުމަށް 5 މަރުކަޒު އެޅުމަށްވެސް ނިންމަވާފައެވެ. މިއީ މާލެ ނައިސް ރަށާއި ކައިރީގައި ތިބެގެން ތައުލީމު ލިބޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. މީގެއިތުރުން ފާހަގަކުރެވޭ 5 ސަރަޙައްދުގައި 5 ޖޫނިއާ ކޮލެޖް ޤާއިމުކުރުމަށްވެސް ވަނީ އެކްޝަން ޕްލޭންގައި ހިމަނާފައެވެ.

އަދި ވޮކޭޝަނަލް ޓްރެއިނިންގ ނުވަތަ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމަށް، ސަރުކާރުގެ މާސްޓަރ ޕްލޭންގައި ހިމަނާފައިވާ 5 އަރބަން ސެންޓަރުގައި މިކަމަށް ޚާއްސަކޮށްގެން 5 ސެންޓަރު އެޅުމަށްވެސް ވަނީ ހިމަނާފައެވެ. މި 3 މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 2023ވަނަ އަހަރުގެ ނިޔަލަށެވެ.

މަތީ ތަޢުލީމު އުނގެނުމާއެކު ކަންކަމާއި ގުޅޭގޮތުން ދިރާސާ ކުރުމަކީވެސް ސަރުކާރުން ބާރުއަޅާކަމެކެވެ. މިކަމަށް އެހީވުމަށް ނެޝަނަލް ރިސަރޗް ކައުންސިލްގެ އެހީއާއެކު ޤައުމީ ތަރައްޤީއާއި ގުޅުންހުރި ދާއިރާތަކުން ދިރާސާ ކުރުމަށް ކުރިއަށްގެންދާ 30 ޕްރޮޖެކްޓަކަށް އެހީ ދިނުމަށްވެސް ވަނީ ނިންމާފައެވެ.

މި 6 ވަޢުދާއެކު އިންފްރާސްޓްރަކްޗަރއާއި ބަޖެޓުގެ ދަތިކަމުގެ ސަބަބުން މަތީ ތަޢުލީމަށް ދިމާވާ ގޮންޖެހުންތަކަށްވެސް ލުޔެއް ލިބިގެންދާނެކަމަށް ސަރުކާރުން ދެކެއެވެ.