ތަޢުލީމު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް މަލްޓިޕާޕަސް އިމާރާތެއް


ޚާއްޞަ އެހީއަށް ބޭނުންވާކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭ މަލްޓިޕާޕަސް އިމާރާތެއް ހެދުމުގެ މަސައްކަތް މިއަހަރު ފަށްޓަވާނެކަމަށް އެޓާރނީ ޖެނެރަލް ވިދާޅުވެއްޖެއެވެ.އެޓާރނީ ޖެނެރަލް، އަދި ލޯއެންޑް ޖެންޑަރ މިނިސްޓްރީވެސް ހިންގެވުމާ ހަވާލުވެހުންނެވި މުހައްމަދު އަނިލް މިހެން ވިދާޅުވީ އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުން ފުރިހަމަކުރި ދެ ކޯހެއްގެ ނަޠީޖާ ފާޅުކުރުމާ، މިދެކޯހުގެ ބައިވެރިންގެ އުފެއްދުންތައް ދައްކާލުމަށް މިއަދު ހަވީރު އެ ސްކޫލްގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.އަނިލް ވިދާޅުވީ  ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މުޖްތަމައުގައި ހަމަހަމަ ފުރުޞަތުތަކެއް ލިބިދޭންޖެހޭކަމަށާ އެކަމުގައި ހުރިހާ ފަރާތްތަކުގެ އެއްބާރުލުންވެސް ބޭނުންވާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާ މަލްޓިޕާޕަސް އިމާރާތުން އެކުދިންނަށް ބޭނުންވާ ތަފާތު އެކިކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ.މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު ޝިހާމް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ސިޔާސަތަކީ އެންމެ ކުއްޖަކުވެސް ބާކީ ނުކުރުންކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖޭގައި ކޮންމެ ސްކޫލެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްޞަ ޓީޗަރުން ބޭތިއްބުމަށް މަސައްކަތްކުރަމުންދާކަމަށެވެ.މި ހަފްލާގައިވަނީ އިމާދުއްދީން ސްކޫލްގައި ކިޔަވަމުންދާ ކުދިންނަށް ހިނގި ބޭކިން އެންޑް ޕޭސްޓްރީ ބޭސިކް ކޯހާ ޕަންޗިން ނީޑްސްކޯސްފުރިހަމަކުރި ކުދިންނާއި މި ދެކޯހުން ވަނަތައް ހާޞިލްކުރިކުދިންނަށް އިނާމާ ހަނދާނީ ލިއުންދީފައެވެ."ފަންނުގެ ޖަވާހިރު" ގެ ނަމުގައި އިމާދުއްދީން ސްކޫލްގެ ޖުވެލް ސެންޓަރއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދިޔަ މިހަރަކާތުގައި މި ދެކޯހުގައި ދަރިވަރުން އުފައްދާފައިވާ ބައެއް އުފެއްދުންތައް ހިމެނޭ މައުރަޒެއްވެސް ވަނީ ބާއްވާފައެވެ.