ޚަބަރު

އެމްޑީއެންގެ ރިޕޯޓް އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ބަލާދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިއްޖެ


މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ މައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކުން ނެރެފައިވާ ރިޕޯޓްގައި މާތްވެގެންވާ އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިސްލާމްދީނުގެ އަސްލުތަކާއި ޙިލާފް އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާކަމަށެވެ. އަދި އެ މައްސަލަ ތަޙްޤީޤުކޮށް ފިޔަވަޅު އަޅައިދިނުމަށް މިއަދު ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" އަކީ 2015 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި ކޮށްފައިވާ ދިރާސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

މިރިޕޯޓުގައި ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކައާއި، ކީރިތި ޤުރުއާނުގެ ނައްސުން އައިސްފައިވާ ބައެއް ކަންތައްތަކާއި ރަސޫލާގެ ހަދީސްތަކުގައިވާ ބައެއް ކަންކަންކަމަށްބުނެ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެމްޑީއެން އުވާލާ އެތަނުގެ މައްސަލަ ބެލުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މި މައްސަލާގައި ފުލުހުން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ އިދާރާއަށް މިއަދު ހަވީރު 04:30 އާއި ހަމައަށް އެއްވެސް ފަރާތަކުން އެއްވެސް މައްސަލައއް މިހާތަނަށް ހުށައަޅާފައި ނުވާކަމަށެވެ. އެެހެންނަމަވެސް އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ އާއްމުކޮށް އެ ފަރާތްތަކާއި މެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފަދަން މަސައްކަތްކުރި ބައެއްގެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކް އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ މައްސަލަ ހޫނުވެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން އެމްޑީއެންިއން ވަނީ އެ ޖަމިއްޔާއިން އާއްމުކުރި ރިޕޯޓް ނަގާ މައާފަށް އެދޭކަމަށް ބުނެފައެވެ.