ޚަބަރު

އަމީންޢާއްމާއި ކައުންސިލަ ޖެނެރަލާއި ސާޖެންޓް އޮފް އާމްސް އިތުރު ދައުރަކަށް އައްޔަންކޮށްފި


ރައްޔިތުންގެ މަޖިލީހުގެ އަމީންއާމްއާއި ކައުންސިލަ ޖެނެރަލް އަދި ސާޖެންޓް އޮފް އާމްސްގެ މަޤާމުގައި ތިއްބެވި ބޭފުޅުން އިތުރުދައުރަކަށް ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެންމެ އިސްވެރިންގެ ގޮތުގައި ތިއްބެވި 3 ބޭފުޅުންގެ މަޤާމް އިތުރު ދައުރަކަށް ކަނޑައަޅާފައިވަނީ މިއަދު މަޖިލީހުގައި މިކަމަށް ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
އަމީންޢާންމުގެ މަޤާމުގައި ހުންނެވި ފާޠިމަތު ނިއުޝާ އިތުރު ދައުރަކަށް އެ މަގާމަށް ޢައްޔަން ކުރަން ފާސްކުރީ މިއަދުގެ ޖަލްސާގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ. އަމީންޢާންމުގެ މަގާމަށް ނިއުޝާ ޢައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ.

ކައުންސިލަ ޖެނެރަލްގެ މަގާމަށް ފާޠިމަތު ފިލްޒާ ޢައްޔަން ކުރަން ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ. މަޖިލީހުގެ ކައުންސިލަ ޖެނެރަލްގެ މަގާމަށް ފިލްޒާ އައްޔަން ކުރެއްވީ 2012ވަނަ އަހަރުގެ ޑިސެމްބަރު 18ވަނަ ދުވަހުއެވެ.

މަޖިލީހުގެ ސާޖެންޓް އޮފް އާމްސްގެ މާގަމަށް މުޙައްމަދު ހަލީމް ޢައްޔަން ކުރަންވެސް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުން. ހަލީމް މިމަޤާމަށް ފުރަތަމަ އައްޔަން ކުރައްވާފައިވަނީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

މަޖިލީހުގެ މިހާރުގެ ޤަވާއިދުގައި ބުނާގޮތުން އަލަށް އެކުލަވާލާ ކޮންމެ މަޖިލީހެއްގެ އިންތިޚާބުވެ މަސައްކަތް ފެށުމަށްފަހު، ހިނގާ ފުރަތަމަ ދެ ދައުރު ނިމުމުގެ ކުރިން މަޖިލީހުގެ އަމީން ޢާންމާއި، ކައުންސެލް ޖެނެރަލްގެ އިތުރުން ސާޖަންޓް އެޓް އާމްސް އައްޔަން ކުރުމަށް ވަނީ ކަނޑައަޅާފައެވެ.