ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަރވިއު ކުރުން ހޯމަ ދުވަހު


އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް މީހަކު އައްޔަންކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން މިއަދު އިންޓަރވިއު ކުރުމަށް ކުރި މަސައްކަތް ކޯރަމް ހަމަނުވުމުން ކޮމިޓީ ފަސްކޮށްފިއެވެ.

މިއަދު އޮތް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި އެޖެންޑާ ކޮށްފައިވަނީ އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކާއި އިންޓަވިއުކުރުމެވެ. މީޑިޔާތަކުން ލައިވްކުރެވޭ ގޮތަށް ހަމަޖެހުނު އިންޓަރވިއު ކުރުމުގެ މަރުހަލާ ކެންސަލް ކޮށްފައިވަނީ ކޮމިޓީގެ ކޯރަމް ހަމަނުވުމުގެ ސަބަބުންނެވެ. ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ ކޮމިޓީގެ 3 މެމްބަރަކު ރަށުން ބޭރުގައި އުޅުމާއި، ސަލާމުގައި މެމްބަރެއް ހުރުމުން މިއަދު ކޯރަމް ހަމަނުވީކަމަށެވެ. ނަމަވެސް އަންނަ ހަފްތާގެ ހޯމަދުވަހު މިމަސައްކަތް އަލުން ކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ކޮމިޓީގެ ކޯރަމް ހަމަނުވެގެން ކެންސަލް ކޮށްފައިވަނީ އިންޓަރވިއުއަށް ބައެއް ބޭފުޅުން މަޖިލީހަށް ވަޑައިގެން ތިއްބަވަނިކޮށެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމިޓީތަކުން ނިންމާ ނިންމުންތަކުގައި ކޮމިޓީގެ 3 ބައިކޮށްފައި 2 ބައި މެމްބަރުންގެ އަޢުލަބިއްޔަތު އޮންނަންޖެހެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ 9 ބޭފުޅެކެވެ. އެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވި އިރު ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބުން އެންމެ ފުރަތަމަ އޮތް ހަތަރު ބޭފުޅުންނަކީ ހުސެއިން ފިޔާޒު މޫސާ އާއި، އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދް ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަންއެވެ.

ޤާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަން ނުކުރެވިދާތާ މިހާރު މިވަނީ 2 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައެވެ.