ޚަބަރު

ބިދޭސީންނަށް ނަންބަރު ދޫކުރުން ގަލޮޅު ދަނޑަށް ބަދަލުކޮށްފި


"ރެގިއުލަރައިޒްވާން އެދޭ ބިދޭސީންގެ ދަފްތަރު"ގައި ރެޖިސްޓްރީވުމަށް އެދޭ މީހުންނަށް ކިއު ނަންބަރު ދޫކުރުން ގަލޮޅު ދަނޑަށް ބަދަލުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރެފައިވާ ނޫސްބަޔާނެއްގައިވަނީ މިއަދުން ފެށިގެން މިނިސްޓްރީގެ ރަސްމީ އޮފީހުން ކިއު ނަންބަރު ދޫކުރުން ހުއްޓާލާފައިވާކަމަށެވެ. ދެން ނަންބަރު ދޫކުރަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު ގަލޮޅު ދަނޑުންކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ.

މިގޮތަށް ހަމަޖެއްސީ ކިއު ނަންބަރު ނަގަން އަންނަ ގިނަ ޢަދަދެއްގެ ބިދޭސީން އެސަރަޙައްދަށް ޖަމާވެ ގިނަ ވަގުތު ތިބެން ޖެހުމާއި ގުޅިގެން، މިކަން ފަސޭހަ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.

އިކްނޮމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ ނަންބަރު ދޫކުރުން ދެން ފަށާނީ ހޮނިހިރު ދުވަހު ހެނދުނު 09:00އިން 17:00އަށް ގަލޮޅު ބޯޅަ ދަނޑުގައިކަމަށެވެ. ދަނޑަށް ވަދެވޭނީ އޮލިމްޕަސް ކުރިމަތި ގަލޮޅުގަނޑު 2 ނަންބަރު ގޭޓުންނެވެ.

ރައްޖޭގައި މިހާރުވެސް އެއް ލައްކަ ތިރީސް ހާހަށްވުރެގިނަ ބޭރުމީހުން ލޭބަރުންގެ ގޮތުގައި އަންނަނީ މަސައްކަތް ކުރަމުނެވެ. މީގެތެރެއިން ފަސްދޮޅަސް ހާސް މީހުންނަކީ ޤަވައިދުތަކަށް ނުފެތޭހެން ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ މީހުންކަމަށް އިކޮނޮމިކް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ހުއްދަ ނެތި އުޅެމުން އަންނަ ބިދޭސީންނާއި، ހުއްދައިގެ މުއްދަތު ހަމަވެފައިވާ ބިދޭސީންނާއި، ކާކުކަން އަންގައިދޭ ސައްޙަ ލިޔެކިޔުން ނެތް ބިދޭސީންނަށް އަލުންވަނީ ގަވަދާއި އެއްގޮތަށް ރެޖިސްޓްރީވެގެން މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދީފައެވެ.

ރެޖިސްޓްރީ ކުރުމުގެ ކަންކަން ހަމަސްދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާއިރު، ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މިފަދަ މައްސަލަތައް 1 އަހަރު ތެރޭގައި އެއްކޮށް ޙައްލުކުރުމެވެ.