ޚަބަރު

ޓީޗަރުންގެ ދުވަހުގެ ޙަރަކާތްތައް ސްކުލްތަކުގައި ފަށައިފި


ޓީޗަރުންގެ ދުވަހުގެ ޙަރަކާތްތައް ސްކޫލްތަކުގައި ފަށައިފިއެވެ. މި ދުވަހުގެ ޙަރަކާތްތައް ސްކޫލްތަކުން ކުރިއަށްގެންދަނީ އެކި ދުވަސްތަކަށް ބަހާލައިގެންނެވެ.

ޓީޒަރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ޓީޒަރުންގެ އަގު ވަޒަންކޮށް، ޓީޗަރުން ކުރާ ބުރަ މަސައްކަތްތައް ބަލައިގަންނަކަން ހާމަކޮށްދިނުމުގެ ގޮތުންނެވެ. މިއަހަރުގެ އޮކްޓޯބަރު 5ވަނަ ދުވަސް ދިމާވަނީ ބަންދު ދުވަހަކަށްވުމާއި، ކުރިއަށް އޮތީ އިމްތިޙާނުގެ ދުވަސްތަކަށް ވުމުން ސްކޫލްތަކުން މިހާރުވެސްވަނީ ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފަށާފައެވެ.

މީގެތެރޭގައި ޓީޗަރުންގެ ދުވަހުގެ ޚާއްސަ އެސެމްބްލީ ބޭއްވުމާއި، ދަރިވަރުންނާއި ޓީޗަރުން އެކުގައި ކުޅިވަރު ހަރަކާތްތައް ކުރިއަށްގެންދިއުމާއި، މުދައްރިސުންގެ މެދުގައި މުބާރާތްތައް ވަނީ ބާއްވާފައެވެ.

ކަލާފާނު ސްކޫލާއި އިސްކަންދަރު ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ހަަރަކާތްތައް މިއަދުވެސް މިވަނީ ކުރިއަށް ގެންގޮސްފައެވެ. ޓީޗަރުންގެ ދުވަހާއި ގުޅިގެން އިސްކަންދަރު ސްކޫލްގައި ވަނީ މަދަހަ މުބާރާތަކާއި، މަސް ރޭހާއި، އަދި އެކި ގޭމްތައް ކުރިއަށްގެގޮސްފައެވެ.
އަދި ކަލާފާނު ސްކޫލުގައި އެ ސްކޫލުގެ ޓީޗަރުންނަށް މަރުޙަބާ ކިޔުމުގެ ޚަރަކާތަކާއި، ޚާއްސަ އެސެމްބްލީއެއްގެ އިތުރުން، ގޭމްތައްވެސް ބާއްވާފައިވެއެވެ.

ދުވަހާއި ގުޅިގެން ސްކޫލް ދަރިވަރުންވަނީ އެ ދަރިވަރުންގެ ޝުޢޫރުތައް ފާޅުކޮށްފައެވެ. އެގޮތުން އެކުދިންނަށް ޓީޗަރުންގެ ފަރާތުން ލިބޭ އެހީއާއި، އެކުދިން ތަރުބިއްޔަތު ވަމުން އަންނަ އައުމާއި، އަދި އުންގެނުމުގައި ޓީޗަރުންގެ ފަރާތުން ލިބޭ އެހީއަށް ދަރިވަރުންވަނީ ޝުކުރު ޢަދާކުރައްވާފައެވެ.

"ތަފާތު އާ ކަންކަން އަންނައިރު އެކަންކަމަށް އަޅުގަނޑުމެން ލޯ ހުޅުވާލައިދެނީ މުދަައްރިސުން. އަންނަން އޮތް ޖީލުތަކަށް ދަރިވަރުން ތައްޔާރުކުރުމުގެ ބުރަ މަސައްކަތް އެ ކުރައްވަނީވެސް ހަމަ މި މުދައްރިސުން. މުދައްރިސުން ކުރާ މަސައްކަތް ބަލައިގަނެ ޝުކުރު އަދާކުރަން." ދަރިވަރުންވަނީ އެ ދަރިވަރުންގެ ޝުޢޫރު ފާޅުކޮށްފައިވެއެވެ.

ޓީޗަރުންގެ ދުވަހުގެ ހަރަކާތްތައް ބައެއް ސްކޫލްތަކުގައި މިހާރު ފަށާފައިވީ ނަމަވެސް ގިނަ ސްކޫލްތަކުގައި މި ދުވަސް ފާހަގަކުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގައެވެ. މާލޭގެ އިތުރުން ރަށްރަށުގެ ސްކޫލްތަކުގައިވެސްދަނީ ޓީޗަރުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.