ކުޅިވަރު

ގްރިއެޒްމަނާ ގުޅުން ރަނގަޅު، މިއީ ފެށުމެއް: މެސީ


ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ރޭ އިންޓަމިލާން އަތުން މޮޅުވި މެޗަކީ މިސީޒަނުގައި އޭނާގެ އާފެށުމެއް ކަމަށް ބާސެލޯނާގެ ކެޕްޓަން ލަޔޮނަލް މެސީ ބުނެފި އެވެ.

"މިއީ އަހަރެން 90 މިނިޓް ފުރިހަމަކުރި ފުރަތަމަ ފަހަރު. މިއީ މުޅިން އާ ފެށުމެއް. އަހަރުމެން އަދި ތަފާތުވާނެ. އަހަރެން އަބަދުވެސް ބޭނުންވަނީ ޓީމު މޮޅުވާން،" ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ބުންޏެވެ.

މި ސީޒަނުގައި ބާސެލޯނާއާ އަލަށް ގުޅުނު ފްރާންސްގެ ފޯވަޑް އެންޓޮއިން ގެރިއެޒްމަނާ އޮތީ ރަނގަޅު ކުޅުމެއް ކަމަށް ވެސް މެސީ ބުންޏެވެ.

"އޭނާއާ އަހަންނާ ގުޅުން ރަނގަޅު. އަހަރުމެން ޓީމުގެ އެންމެވެސްގެ ގުޅުން ރަނގަޅު. އެކުގައި ގިނައިން ކުޅެވޭ ވަރަކަށް ދަނޑުމަތީގެ ގުޅުން ވެސް ރަނގަޅުވާނެ،" މެސީ ބުންޏެވެ.

ރޭގެ މެޗުން ބާސެލޯނާ މޮޅުވީ މެޗުގެ ފުރަތަމަ މިނިޓްގައި ލައިޓާރޯ މާޓިނޭޒް ޖެހި ގޯލުން އިންޓަ ކުރި ހޯދާފައިވަނިކޮށް ލުއިސް ސުއަރޭޒް ފަހަތުން އަރައި ޖެހި ދެ ގޯލުންނެވެ. ކޯޗު އާނެސްޓޯ ވަލްވާޑޭ މެޗަށް ފަހު ބުނީ އިންޓަގެ ފުރަތަމަ ލަނޑާއެކު މެޗު އުނދަގޫވި ކަމަށެވެ.

"އެމީހުންގެ ޕެނަލްޓީ އޭރިޔާ ތެރޭގައި އަހަރުމެން ނުރައްކާ އިތުރުކުރަންޖެހޭ. އެކަމަކު އަހަރުމެންނަށް އެކަން ގިނަ ފަހަރު ނުކުރެވިދިޔަ. އެމީހުންނަކީ އިޓަލީގެ އެންމެ މޮޅު ޓީމު. އެމީހުން އަހަރުމެންނަށް މެޗު ވަރަށް ބޮޑަށް އުނދަގޫކުރުވި. އެކަމަކު ފަހު ހާފުގައި އަހަރުމެން ކުޅުން ރަނގަޅުކޮށް އެމީހުންނަށް ވުރެ ކުރި ހޯދީ ވިސްނުންތެރިކަމާއެކު. އެކަމަކު ވެސް ކުރިއަށްހުރި މެޗުތަކުގައި އަހަރުމެން އެޓޭކް ވަރުގަދަ ކުރަންޖެހޭ،" ކޯޗު ބުންޏެވެ.