ކުޅިވަރު

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެއްޖެ


ނަވާރަ އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުންް ބޮޑު ތަފާތަކުން ބަލިވެއްޖެއެވެ.

އިއްޔެ ތަޖިކިސްތާން އަތުން ރާއްޖެ ބަލިވީ 9-0ގެ ނަތީޖާއަކުންނެވެ. ކޮލިފައިންގެ "ގްރޫޕު ސީ"ގެ މެޗުތައް ކުރިއަށްދަނީ ތަޖިކިސްތާނުގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ތަޖިކިސްތާނުން ވަނީ 6 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އެޓީމުން ވަނީ ރާއްޖެ ކޮޅަށް 3 ލަނޑު ޖަހައިފައެވެ.

މެޗުގައި ތަޖިކިސްތާންގެ ޝަހްރޮމް ސަމިޔޭވް ވަނީ ހެޓްރިކެއް ހަދާފައެވެ. ތަޖިކިސްތާނުގެ ޝަރިފްބެކް ރަހުމަތޯވް އާއި އިސްލޯމް ޒައިރޯވް، އެއިން ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބުކުރި އިރު، މަނޫޗެހެރް ސަފަރޯވް އާއި އިބްރާހިމް ދައިސަމް ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ.

ރާއްޖެއާއެކު "ގްރޫޕު ސީ"ގައި ހިމެނެނީ ތަޖިކިސްތާނާއި ސީރިއާ އަދި ލުބުނާނެވެ. ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހުކުރު ދުވަހު ނުކުންނަން ޖެހޭނީ ސީރިއާއާ ދެކޮޅަށެވެ.

ގްރޫޕުތަކުގެ އެއްވަނަ ހޯދާ ޓީމުތަކަށް އަންނަ އަހަރު އުޒްބަކިސްތާނުގައި ބާއްވާ 19 އަހަރުން ދަށުގެ އޭއެފްސީ ޗެމްޕިއަންޝިޕުން ފުރުސަތު ލިބޭނެއެވެ. އޭގެ އިތުރުން ގްރޫޕުތަކުގެ ރަނަރަޕް ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމަށް ވެސް މުބާރާތުން ފުރުސަތު ލިބޭނެއެވެ.

އޭއެފްސީ ޗެމްޕިއަންޝިޕް ކޮލިފައިންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ޓީމަކީ ނިމިގެންދިޔަ މަހު ނޭޕާލުގައި ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާއެއް ހޯދި ޓީމެކެވެ. އެޓީމުން ވަނީ އެ މުބާރާތުގެ ތިންވަނަ ހޯދައިފައެވެ. އެއީ މިހާތަނަށް އެ މުބާރާތުން ރާއްޖެއިން ހޯދި އެންމެ ރަނގަޅު ނަތީޖާއެވެ.