ސިޔާސީ

ސަރުކާރުން ކުރަންހުރި ކަންކަން ތަރުތީބު ކުރެވިއްޖެ، ދެން އޮތީ ޢަމަލީ މަސައްކަތް - ރައީސް


ފަސް އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ކުރަން ހުރި ކަންކަން ތަރުތީބު ކުރެއްވިއްޖެކަމަށާ، ދެން ފެނިގެންދާނީ އެކަންކަން ޢަމަލީގޮތުން ތަންފީޒްކުރާތަންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށްއޮތް ފަސް އަހަރުދުވަހުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވަނީ މީގެ އެއްއަހަރު ކުރިއަށް ބަލާއިރު، ނުޙައްޤުން ސިޔާސީ އެތައް ލީޑަރަކު ޖަލަށްލާފައިވާކަމަށާ، ރާއްޖެއިން ބޭރަށް ސިޔާސީ ލީޑަރުން އަރުވާލެވިފައިވާކަންވެސް ފާހަގަކުރައްވާފައެވެ. މިސަރުކާރުން ރައްޔިތުން ގެނައީ އެކަންކަން ބަދަލުކުރަންކަމަށް ރައީސް ވިދާޅުވިއެވެ. މިސަރުކާރު ރައްޔިތުން ބަލައިގަތީ މުހިންމު ފަސް އަމާޒެއް އޮވެގެންކަަމަށާ، އެއީ ހެޔޮވެރިކަމާއި ޖަޒީރާ ދިރިއުޅުމާއި ފަޚުރުވެރި އާޢިލާއާއި އޯގާތެރި ސަރުކާރައި ނޫ އިޤްތިޞާދުކަމަށް ރައީސް ވިދާޅުވިއެވެ.

މިކަންކަން ރައްޔިތުން ޤަބޫލުކޮށްގެން މިސަރުކާރު ގެނެސްފައިވާކަމަށާއި، އެމަނިކުފާނުގެ ޒިންމާއަކީ އެވާޖިބުތައް ޢަމަލީގޮތުން ތަންފީޒްކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިއެކްޝަން ޕްލޭންގައި ބައެއް ފަރާތްތަކުން ހިތްހަމަނުޖެހޭ ކަންކަން ހުރުމަކީ އެކަށީގެންވާކަމެއްކަމަށާ، ނަމަވެސް ހުރިހާކަމަކީ ރައްޔިތުނާއި މުއައްސަސާތަކާއި މަޝްވަރާކުރުމަށްފަހު އެކުލަވާލި ކަންތައްތަކެއްކަމަށެވެ. އެހެންކަމުން މިކަންކަން ތަންފީޒްކުރުމަށް ވަޒީރުންނާއި ހުރިހާ މުވައްޒަފުން އެމަނިކުފާނަށް އެއްބާރުލުން ދިނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފަސްއަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި ސަރުކާރުން ކުރަން ރާވާފައިވާކަންކަން ތަރުތީބު ކުރެވިފައިވާކަމަށާއި، އެ ޕްލޭންގައިވާގޮތަށް ކަންކަން ކުރުމަކީ ކެބިނެޓްގެ ޒިންމާއެއްކަމަށެވެ.

"އޭގެން އެނގޭނެ ކުރަންވީ ކަންކަމާ ތާރީޚާއި ފައިސާ ހޭދަކުރާނެގޮތާ އެކަންކަން ނިންމާނެ ތާރީޚްވެސް. ފާހަގަ ޖަހަމުން ތިބޭފުޅުން ކުރިއަށް ވަޑައިގަންނަވާ. އެއްވެސް މައްސަލައެއް ނެތް. ފަސް އަހަރުވާއިރު ހުރިހާ ވަޢުދެއް އޮންނާނީ ތަންފީޒްކުރެވިފައި" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މިއެކްޝަން ޕްލޭނާއެކު ސަރުކާރު ޖަވާބުދާރީ ކުރުވޭނެކަމަށެވެ. އެކަންކަން ސަރުކާރުން ތަންފީޒްކުރެވޭމިންވަރު ރައްޔިތުންނަށް ވަރަށް ތަފްސީލްކޮށް ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮންމެ ރައްޔިތަކަށް ކޮންމެ މީޑިއާއަކަށް އަދި ކޮންމެފަރުދަކަށް ކޮންމެ ދާއިރާއަކުން އަޅުގަނޑުމެންނާ ސުވާލުކުރެވޭނެ. ކީއްވެގެންތޯ މިމަސައްކަތް ނުނިމެނީ. ކީއްވެގެންތޯ މިކަން ފަސްޖެހުނީ. މިއީ މިސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި މިވަނީ އަޅުގަނޑުމެން ރައްޔިތުންނާ ހަމައަށް ގެނެސްދޭ ހެޔޮވެރިކަން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަން ތަންފީޒްކުރެވޭނީ ސަރުކާރަށް އެކަނި ނޫންކަމަށާއި، ޝަރުޢީ ދާއިރާއާއި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވެ އެ ދެމުއައްސަސާ އެކަމުގައި ފަސް ނުޖެހުމަށް އެދިވަޑައިގެންފައެވެ.