ކުޅިވަރު

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފި


ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ދުވަސް ފާހަގަކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ކުރިޔަށްގެންދިޔަ "ކިޑްސް ފުޓްބޯލް ފިއެސްޓާ"ގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދައިފިއެވެ.

މިއަދު ހެނދުނު ހެންވޭރު ދަނޑުގައި 17 ސްކޫލަކާއެކު ކުރިޔަށް ގެންދިޔަ މި ފިއެސްޓާގެ ޗެމްޕިއަންކަން ޣާޒީ ސްކޫލް ހޯދީ މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި މަޖީދިއްޔާ ސްކޫލްގެ މައްޗަށް 0-2 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ޣާޒީ ސްކޫލުން ކާމިޔާބުކުރި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ޝައިން އިބްރާހިމް ރަމީޒްއެވެ.

ފިއެސްޓާ ނިންމުމުގެ ރަސްމީޔާތު ޝަރަފްވެރިކޮށްދެއްވާ ކުޅުންތެރިންނަށް މެޑަލްއާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުރުން ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން މިޝެލް ސަލްގާޑޯ އާއި ސްޕެނިޝް ލަލީގާގެ ސެލްޓާ ވިގޯގެ ބައެއް އިސްވެރިންނެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަޤާމް ހޯދީ ޣާޒީ ސްކޫލްގެ މުހައްމަދު އައިހަމް އިބްރާހިމްއެވެ. އޭނާ ވަނީ މި މުބާރާތުގައި 4 ލަނޑު ޖަހާފައެވެ. މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ޢިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްއެވެ.

މީގެ އިތުރުން މި ފިއެސްޓާގެ އެންމެ މޮޅު ކުޅުންތެރިޔާ މިޝެލް ސަލްގާޑޯ އިންތިޒާމުކޮށްގެން ދުބާއީގައި ކުރިޔަށް ގެންދާ ސްޕެނިޝް ސޮކާ ސްކޫލުގައި ތަމްރީން ހެދުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ. އަދި މި ފިއެސްޓާއިން އެންމެ މޮޅު 8 ކުޅުންތެރިންނަށް ޤައުމީ ޓީމުގެ ސްކޮޑުން ޖާގަދިނުމަށް އެފްއޭއެމްއިން ވެސް ވަނީ ނިންމާފައެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ފިއެސްޓާއަށް ފަހު އަންނަ އަހަރު ދުބާއީގައި އޮންނަ ކޮންޓިނެންޓަލް މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ 13 އަހަރުން ދަށުގެ ޓީމެއް ބައިވެރިކުރާނެ ކަމަށެވެ.