ޚަބަރު

"މާލެ ފަޔަރ ރިލީފް" އެކައުންޓަށް މިހާތަނަށް އައިރު 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ


މިދިޔަ މަހުގެ 20 ވަނަ ދުވަހު މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަސަރުކުރި ފަރާތްތަކަށް އެހީވުމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހުޅުވާފައިވާ "މާލެ ފަޔަރ ރިލީފް" އެކައުންޓަށް މިހާތަނަށް އައިރު 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަަމަށް އެންޑީއެމްއޭއިން ހާމަކުރައްވައިފިއެވެ.

އެންޑީއެމްއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގިތުން މާލެ "ފަޔަރ ރިލީފް" އެކައުންޓަށް މިއަދު 4 ޖެހުމާއި ހަމައަށް އެއް މިލިއަން ހަތަރު ސަތޭކަ ސާޅީސް ހަހާސް ހަތްސަތޭކަ ފަންސާސް ދެ ރުފިޔާ ތިރީސް ހަތް ލާރި ވަނީ ލިބިފައެވެ. މި އެކައުންޓަށް ފައިސާ ޖަމާކޮށް ހާލުގައި ޖެހިފައިވާ ފަރާތްތަަކަށް އެހީވުމަށް އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުގެ ވުޒާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް މާލީ އެހީވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، އަލިފާނުގެ އަސަރުކުރި ފަރާތްތަކަށް އެހީވުމުގެ ގޮތުން އެންޑީއެމްއޭއިން ދަނީ އިތުރު ގިނަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ. އެގޮތުން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީ، ކާބޯ ތަކެއްޗާއި އަންނައުނުގެ އެހީ އެންޑީއެމްއޭއިން ދަނީ ފޯރުކޮށްދެމުންނެވެ. މީގެ އިތުރުން މިހާދިސާގައި އެސެސްކުރަންޖެހޭކަންތައްތައް އެންޑީއެމްއޭއިން ކަމާ ބެހޭ އެހެނިހެން މުއައްސަސާތަކާއި، ޖަމިއްޔާޖަމާއަތްތަކާއި ގުޅިގެންދަނީ ކުރަމުންނެވެ.