ޚަބަރު

ޔަހުޔާ ޔާސިރަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއް - ހޯމް މިނިސްޓަރ


ރާއްޖޭގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް ހައްޔަރުކުރި ޔަމަންގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހުޔާއަކީ ޓެރަރިޒަމާއި ގުޅުންހުރި މީހެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، ޔާސިރު ޔަހުޔާއަކީ ޓެރަރިޒްޓެއްގެ ގޮތުގައި ބޭރުގެ މީޑިއާތަކުންވެސް ފާހަގަކުރާ މީހެއްކަމަށާއި، ޓެރަރިޒަމާއި ގުޅުންހުރި ބެކްގްރައުންޑެއްވެސް އޭނާގެ އޮންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2016 ވަނަ އަހަރު ޢަރަބި ޓީޗަރެއްގެ ގޮތުގައި ރާއްޖެ ގެނައި ޔާސިރު ޔަހުޔާ ކޯޓް ޢަމުރެއްގެ ދަށުން ޙައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގެ 3 ވަނަ ދުވަހުއެވެ. ހޯމް މިނިސްޓަރ ވިދާޅުވީ ޔާސިރުއާއި ގުޅުންހުރި ގިނަ މަޢުލޫމާތުތަކެއް ބައިނަލްއަޤްވާމީ މައިދާނުގައި އެބަހުރިކަމަށާއި، އެފަދަ ނުރައްކާތެރި މީހަކު ދިވެހިންގެ ތެރެއަށް ދޫކޮށްލާފައި ހުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޔާސިރު ރާއްޖެ އެތެރެވިއިރުވެސް އޭނާއާއި ބެހޭ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖެ ދޫކޮށް ދިއުމަށް ޔާސިރުއަށް އެތައް ފަހަރެއްގެ މަތިން އަންގާފައިވާކަމަށާއި، ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރަމުން ގެންދާކަމަށެވެ. އެގޮތުން ޕާސްޕޯޓް ގެއްލިފައިވާކަމަށް ބުނަމުން އަންނަކަމަށާއި، އަދި ބައެއް ފަހަރު ޕާސްޕޯޓް ޔަމަނަށް ފޮނުވާލާފައިވާކަމަށްވެސް އޭނާ ބުނަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، މިވަގުތުވެސް އޭނާ ފުރަން އެއްބަސްވެއްޖެނަމަ އިމިގްރޭޝަން ކޮންޓްރޯލާއަށް ލިބިދީފައިވާ ބާރުގެ ދަށުން އޭނާ ފުރުވާލެވޭނެކަމަށެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙާއްމަދު ހަމީދު ވިދާޅުވީ، ޔާސިރު ޔަހުޔާއަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލުތަކާއި ގުޅުންހުރި މީހެއްކަމަށާއި، އެތައް ދުވަހަކު ޖަލުގައިވެސް ހޭދަކޮށްފައިވާ މީހެއްކަމަށެވެ. ހަމީދު ވިދާޅުވީ، ޓެރަރިސްޓް ޖަމާއަތްތަކާއި ޔާސިރާއި ގުޅުންވެސް އޮންނަކަމަށެވެ.

ދިވެއްސަކާއި ކައިވެނިކޮށްގެން ރާއްޖޭގައި އުޅެނިކޮށް ހައްޔަރުކޮށްފައިވާ ޔަހުޔާ ޔާސިރު ހައްޔަރުކޮށްފައި ހުންނަތާ 2 އަހަރުވެފައިވާއިރު، ޝަރީޢަތަކާއި ނުލާ އޭނާ ހައްޔަރުކޮށްފައިވާކަމަށް ބުނެ އޭނާ އަންނަނީ ބަނޑުހައި ހޫނުކަމުގެ ތަޅުތާލެއް ކުުރަމުންނެވެ. އޭނާ މިވަގުތު އޮތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެވެ.