ސިޔާސީ

ޓެރަރިޒަމްގެ ޤާނޫނުގެތެރެއިން، އެކަށީގެންނުވާ ބާރުތަކެއް ފުލުހުންނަކަށް ނުދޭނެ - ހޯމް މިނިސްޓަރ


ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުން ފުލުހުންނަށް އެކަށީގެންނުވާވަރުގެ ބާރުތަކެއް ދީފައިނުވާކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އިސްކަންދަރުކޮށީގައި ފުލުހުންނާއެކު ބޭއްވި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޕްރެސް ކޮންފަރެންސްގައި ހޯމް މިނިސްޓަރު ވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުން ފުލުހުންނަށް ދީފައިވާ ބާރު ހެޔޮގޮތުގައި ބޭނުންކުރާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، ޕޮލިސް ރިފޯމް އެޖެންޑާގެ ދަށުން ގިނަ ކަންކަން ކުރިއަށްދާކަމަށާއި ފުލުހުންގެ މުއައްސަސާއަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމަށެވެ. އެގޮތުން އެ ބަދަލުތަކަކީ ކޮންމެ ޤާނޫނެއް އައިނަމަވެސް ފުލުހުންނާ ޤާނޫނުން މަތިކޮށްފައިވާކަންކަން ޚާއްޞަކޮށް އިންސާނީ ކަރާމާތާއި ހައްޤަށް އުނިކަން ނާންނާނެގޮތަށް މަސައްކަތްކުރަމުންދާނެކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

"ފުލުހުންގެ މުއައްސަސާއަށް ބަދަލުތަކެއް އަންނަންޖެހޭ. އެބަދަލުތަކަކީ ފުލުހުންނާ ޤާނޫނީ ގޮތުން މަތިކޮށްފައިވާ ކަންކަން ފުރިހަމަކުރުމަށް ގެންނަ ބަދަލުތަކެއް. ނަމަވެސް އެ ބަދަލުތަކާއި ޤާނޫނު ލިބިދޭ ބާރުތަކުގެ ބޭރުން ކުރާނެ އެއްވެސް ކަމެއް ނުކުރާނެ." ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރެސްކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ބާރުތަކަށް ވަރަށްގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާކަމަށެވެ. ނަމަވެސް އެޤާނޫނުގެ ދަށުން ފުލުހުންނަށް މަތިކޮށްފައިވާ ބާރުތަކަކީ ޤައުމީ ލެވެލްގައި މުއައްސަސާތަކާ މަޝްވަރާކޮށްގެން ފުލުހުންނަށް ދީފައިވާ ބާރުތަކެއްކަމަށް ހަމީދު ވިދާޅުވިއެވެ.

ފުލުހުންގެ ޤާނޫނު އެކުލަވާލާފައިވަނީ މިހާރު ޢަމަލުކުރާ ޤާނޫނު އަސާސީގެ ކުރިން 2008ވަނަ އަހަރުކަން ފާހަގަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، ފުލުހުންގެ ޤާނޫނަށްވެސް މުހިންމު ގިނަ އިޞްލާހުތަކެއް ގެންނަންޖެހޭކަމަށެވެ. އެގޮތުން ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ދިން ބާރުތަކަކީ ތަޙްޒީބް މުޖުތަމޢުތަކުގައި މިހާރުވެސް ބޭނުންކުރާ ބާރުތަކެއްކަމަށެވެ.

ބޮޑެތި ބާރުތަކެއް ފުލުހުންނަށް ލިބިދޭގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނަށް ހުށަހެޅި އިޞްލާހުތައް ފާސްކުރީ މިދިޔަ މަހުގެ 30ވަނަ ދުވަހުއެވެ. އެގޮތުން މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށުގެ ތުހުމަތުކުރެވޭ މީހުން ކޯޓު އަމުރަކާނުލައި ހައްޔަރުކުރެވޭނެއެވެ.

އަދި ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށްސާބިތު ކުރުމަށް ޢާންމު މައްސަލަތަކާ ޚިލާފަށް ބައެއް ހެކިތައް ގަބޫލުކުރެވޭ ގޮތަށް ބިލުގައިވަނީ ހިމަނާފައެވެ. އެގޮތުން ކުށެއް ކުރިކަމަށް އެއްބަސްވެ ޝަރީއަތުގެ މަޖިލީހުގައި ދޭ އިޢުތިރާފާއި މީހަކުމަރުވަމުން ދައުވާއާއި ގުޅުންހުރި ހަގީގަތަކަށް ބާރު ލިބޭ ގޮތަށް އެމީހަކު ބުނެފައިވާ އެއްޗެސްވެސް ހެކީގެ ގޮތުގައި ބަލައި ގަނެވޭނެކަމަށް ބިލުގައި ވަނީ ބުނެފައެވެ.