ޚަބަރު

އީސީއާއި، އެންއައިސީގެ މެމްބަރުން އައްޔަންކުރުން މަޖިލީހަށް ފޮނުވައިފި


އިލެކްޝަންސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް ފޮނުވުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށާއިރު، މާދަމާގެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަނާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް އެމައްސަލާގައި ގޮތެއް ނިންމުމަށް ކަމާއިބެހޭ ކޮމިޓީއަށް ފޮނުވުމަށް ވަނީ އެޖެންޑާކޮށްފައެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުއްވާލައްވާފައި ވަނީ އެ ކޮމިޝަނުގެ ނާއިބް ރައީސް އަމްޖަދު މުސްތަފާގެ މެންބަރުކަމުގެ މުއްދަތު އަންނަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު ހަމަވާތީއެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެ ރައީސްކަން ކުރެއްވި މެމްބަރު މުޙައްމަދު ފަރުހާދު އިސްތިއުފާ ދެއްވުމުންނެވެ. އެންއައިސީގެ މެމްބަރުކަމަށް އައްޔަންކުރުމަށް ހުޅުވާލި ފުރުޞަތުގައި 26 މީހަކު ކުރިމަތިލާފައިވެއެވެ. ނަމަވެސް މިނަންތައް ރައީސުލް ޖުމްހޫރިއްޔާ ފޮނުވާފައިވަނީ 18ވަނަ ރައްޔިތުންގެ މަޖިލީހަށް ކަމަށްވުމުން އެންއައިސީ އަށް އަލުން ކުރިމަތިލާން ހުޅުވާލައި 19ވަނަ މަޖިލީހަށް ހުށަހެޅުއްވުމަށް މަޖިލީހުން ވަނީ ލަފާއަރުވާފައެވެ. މިއާއިކު މި މިޤާމަށް އަލުން ހުޅުވާލައި ޖުލައި މަހުގެ 29ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާ ތެރިކަމާއި އިނާޔަތްތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ވެށި ފަހި މާލެ ޕްރޮގުރާމްގެ ދަށުން މާލެއިން ބިން ދޫކޮށްލާ ފަރާތްތަކަށާއި، ގުޅީފަޅުން ބިން ގަނެފައިޗާ ފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް ގުޅޭގޮތުން ހުށަހަޅާފައިވާ ޤަރާރުގެ އިބްތިދާއީ ބަހުސް ކުުރުމަށްވެސް އެޖެންޑާ ކޮށްފައިވެއެވެ.