ޚަބަރު

ވޯޓު ވިއްކުމާއި ގަތުން ހުއްޓުވުމަށް ޤާނޫނީ އޮނިގަނޑެއް ބޭނުންވޭ


އިންތިޚާބުތަކާ ގުޅިގެން އަންނަ ވޯޓު ގަތުމާއި، ވޯޓު ވިއްކުން ހުއްޓުވުމަށް ހަރުދަނާ ގާނޫނީ އޮނިގަނޑެއް އޮންނަން ޖެހޭ ކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ.އިލެކްޝަންސް ކޮމިޝަންގެ އާ ވެބްސައިޓް ތައާރަފް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ނައިބް ވިދާޅުވީ، އަލަށް ތައާރަފް ވަމުން އަންނަ ގާނޫނުތަކާއެކު އިންތިޚާބާބެހޭ ގާނޫނަށްވެސް ބަދަލު ގެންނަން ޖެހޭ ކަމަށެވެ. އަދި އިންތިޚާބާ ގުޅޭ ގާނޫނުގައި ހުރި މައްސަލަތައް ފާއިތުވެދިޔަ އިންތިޚާބުތަކުން އެނގިގެން ދިޔަކަން  ފާހަގަކުރައްވަމުން ބަންޑާރަ ނައިބް ވިދާޅުވީ، ވޯޓު ވިއްކުމާއި، ވޯޓު ގަތުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅު ތަކެއް އެޅުމުގެ ގާނޫނާއި، ވޯޓު ރަޖިސްޓްރީގައި ދިމާވަމުން އަންނަ މައްސަލައަށް ހައްލެއް ހޯދުމަށް ގޮތްތަކެއް ނިންމަން ޖެހޭ ކަމަށެވެ.އިލެކްޝަންސް ކޮމިޝަނުން މިއަދު ތައާރަފް ކުރި އެ ކޮމިޝަންގެ އާ ވެބް ސައިޓަކީ، ކޮމިޝަނުން ކުރަމުންދާ ކަންތަކުގެ ހުރިހާ މައުލޫމާތު ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ވެބްސައިޓެކެވެ.އިލެކްޝަންސް ކޮމިޝަނުން މިހާރުދަނީ، 2016 ވަނަ އަހަރުން ފެށިގެން ފަސް އަހަރު ދުވަހުގެ ސްޓެރެޓެޖިކް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރަމުންނެވެ.