ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ މެޗުތައް ފަށައިފިއެވެ.
ހުޅުމާލޭގައި ކުރިޔަށްގެންދާ މި މުބާާރާތުގައި ރޭ ވަނީ ޒޯން 1،3،4 އަދި 6 ގެ ބައެއް މެޗުތައް ކުޅެފައެވެ. އެގޮތުން ޒޯން 1 ގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހދ.މަކުނުދޫއާއި ހއ.އިހަވަންދޫއެވެ. މިމެޗު 1-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިހަވަންދޫއެވެ. މި މެޗުގައި އިހަވަންދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ހާމިދު އަދި އިބްރާހިމް ޝުހޭލްއެވެ. މަކުނުދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނުހާދު ފައުޒީއެވެ.
ޒޯން 1 ގައި ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ށ.ގޮއިދޫއާއި ހދ.ނާވައިދޫ. މި މެޗު ނިމުނީ 2-2 އިން ދެ ޓީމުވެސް އެއްވަރުވެގެންނެވެ. މި މެޗުގައި ގޮއިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މިސްބާހު އަދި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އިބްރާހިމް އަލީއެވެ. ނާވައިދޫ ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ވިސާމް އަދި އިސްމާއިލް ވަހީދުއެވެ.
މުބާރާތުގެ ޒޯން 4 ގައި ރޭ ކުޅުނު މެޗުގައި ބައްދަލުުކުރީ މ.ދިއްގަރު އަދި ނާލާފުއްޓެވެ. މި މެޗު 1-5 އިން ކާމިޔާބުކުރީ ދިއްގަރެއެވެ. މި މެޗުގައި ދިއްގަރު ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އިބްރާހިމް ރިފްއަތު، އާދަމް ހަލީމް އަދި އަހުމަދު މިދުހަތުގެ އިތުރުން އަލީ މާޖިދުއެވެ. ނާލާފުށި ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، މުހައްމަދު ފަޒީލްއެވެ.
މުބާރާތުގެ ޒޯން 3 ގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ އއ.ބޮޑުފުޅަދޫއާއި ކ،ގުރައިދޫއެވެ. މި މެޗު 2-5 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބޮޑުފުޅަދޫއެވެ. އެޓީމުން މި މެޗުގައި ޖެހި ލަނޑުތައް ކާމިޔާބުކޮށްދިނީ، މުހައްމަދު ޝިރުހާން އަލީ ޝަނީޒް އަދި އިބްރާހިމް ރަފްހާންއެވެ. ގުރައިދޫ ޓީމުން ޖެހި ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއިލް މަދީހު އަދި ޢަބްދުﷲ ޝާޔާމްއެވެ. މުބާރާތުގައި ރޭ ކުޅުނު ފަހު ދެ މެޗަކީ ޒޯން 6 ގެ ދެ މެޗެއެވެ. އެގޮތުން ގއ.ކޮނޑޭއާއި ގއ.ދާންދޫ ބައްދަލުކުރި މެޗު 1-2 އިން ކާމިޔާބުކުރީ ދާންދޫއެވެ. ދާންދޫ ޓީމުން މި މެޗުގައި ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އަބްދުއް ސައްތާރެއެވެ. ކޮނޑޭ ޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިންޝާއު އަހުމަދުއެވެ. މުބާރާތުގައި ރޭ ލ.ގަމާއި ގދ.މަޑަވެލި ބައްދަލުކުރި މެޗު 2-3 އިން ކާމިޔާބުކުރީ ލ.ގަން އެވެ. ގަމުން މި މެޗުގައި ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، އަޙުމަދު މުސްލިހް އަދި މޫސާ މުނާޒް އަލީގެ އިތުރުން އަޙުމަދު އަޖުވަދްއެވެ. މަޑަވެލި ޓީމުން ޖެހި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ، ޒަމްއަތު މުުހައްމަދު ވަހީދުގެ އިތުރުން ނާއިފް ޝަފީގުއެވެ.
މިދިޔަ މަހުގެ 15 އިން މިމަހުގެ 18 ގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގައި ޒޯން ބުރުގެ މެޗުތައް ދެން ކުޅޭނީ މާދަމާ ރެއެވެ. އެގޮތުން މާދަމާ ރޭ ކުޅެން ހަމަޖެހިފައިވަނީ ޒޯން 2،3،4،5 އަދި 8 ގެ މެޗުތަކެއެވެ.