ޚަބަރު

އީގަވަނަންސްގެ ސަބަބުން ރައްޔިތުން ބާރުވެރިކުރުވާ - ޝުކުރީ


ގުދުރަތީގޮތުން ރާއްޖެ
އުފެދިފައިވާގޮތަށް ބަލާއިރު އީގަވަރނެންސް ނިޒާމަކީ ރައްޔިތުން ބާރުވެރި ކުރުމަށް
މަސައްކަތްތަކެއް ކުރެވޭނެ ނިޒާމެއްކަމަށް އެލްޖީއޭގެ ސީއީއޯ ޑރ. އަހުމަދު ޝުކުރީ ހުސައިން
ވިދާޅުވެއްޖެއެވެ.
ސާކް ޑިވެލޮޕްމަންޓް ފަންޑުގެ ދަށުން ކުރިއަށްގެންދާ
ކޮމިއުނިޓީ އީސެންޓަރ ޕްރޮޖެކްޓްގެ ދަށުން، ކެޕޭސިޓީ ބިލްޑް ކުރުމަށް ހިންގުމަށް
ހަމަޖެހިފައިވާ ޓްރެއިނިންގްތަކާއި ގުޅޭގޮތުން މިނިސްޓްރީތަކާއި އެންޖީއޯތަކާއެކު
ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ޑރ. ޝުކުރީ ވިދާޅުވީ، ރާއްޖޭގެ 188 ރަށެއްގައި
ހިމެނޭ 209 ކައުންސިލްތަކަށް ފަސޭހަކަމާ އަގުހެޔޮކަމާއެކު، އެންމެ ހަލުވިމިނެއްގައި
މުއާމަލާތު ފޯރުކޮށްދެވޭނެ ހަމައެކަނި ވަސީލަތަކީ ޓެކްނޮލޮޖީގެ ބޭނުން ކުރުން
ކަމަށެވެ. އެހެންކަމުން އީގަވަނެންސް ނިޒާމާއެކު ސަރުކާރުގެ މުއައްސަސާތަކާއި
ކައުންސިލްތަކުގެ މެދުގައި ޤާއިމްވެގެންދާ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް އޭނާ
ވިދާޅުވިއެވެ.
ޑރ. ޝުކުރީ ވިދާޅުވީ، މިހާތަނަށް ކުރެވުނު ތަޖުރިބާއިން ރާއްޖޭގައި ހިންގޭ ކޮންމެ ތަރައްޤީގެ
ހަރަކާތަކަށް ހޭދަވާ 85 ނުވަތަ 90 އިންސައްތަ ޚަރަދުކުރެވެނީ ދަތުރުފަތުރަށާއި، މުއާމަލާތު ކުރުމަށް ހިންގޭ
ޚަރަދުގެގޮތުގައިކަމަށެވެ. އެހެންކަމުންރާއްޖޭގައި އައިސީޓީ މެދުވެރިކޮށް ޒަމާނީ
ޓެކްނޮލޮޖީ ބޭނުންކޮށްގެން ވަރަށްބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން
ސަލާމަތްކުރެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ކެޕޭސިޓީ
ބިލްޑް ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ޓްރެއިނިންގްތަކާއި ގުޅޭގޮތުން
ސަރުކާރުގެ ވުޒާރާތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ދެމެދު އެން.ސީ.އައި.ޓިން
ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.