ޚަބަރު

ދުނިޔެއަށް ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ފޮރިން މިނިސްޓަރާ، ޖެނަރަލް ބިޕިން ރާވަތު މަޝްވަރާކުރައްވައިފި


ދުނިޔެއަށް ކުރިމަތިވެފައިވާ އެކިއެކި ނުރައްކާތަކާއި ބެހޭގޮތުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތާ ދެ ބޭފުޅުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ، މިއަދު އިންޑިއާގެ ޗެއަރމަން އޮފް ޗީފްސް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ އަރިހަށް ކުރެއްވި ޒިޔާރަތުގައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމާ ބެހޭގޮތުންނާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

އިންޑިއާގެ 27ވަނަ ޗީފް އޮފް އަރމީ ސްޓާފް ރާއްޖެއަށް ކުރައްވަމުންގެންދަވާ 6 ދުވަހުގެ މި ދަތުރުފުޅުގައި ޤައުމީ ދިފާޢީ ބާރުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައިވަނީ، އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ބިޕިން ރާވަތުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ދައުލަތުގެ ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއޯޓަރޒްގެ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްވެސްވަނީ ހަމަޖެހިފައެވެ.