ޚަބަރު

ރާއްޖެއިން "ފްރީޑައިވް ވޯލްޑް ރިކޯޑް" ޤާއިމުކޮށްފި


އިޓަލީއިން ޤާއިމްކޮށްފައި އޮތް ފްރީޑައިވް ވޯލްޑް ރިކޯޑު މުގުރާލައި ރާއްޖެއިން މިލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފިއެވެ.

ރާއްޖެއިން މި ކާމިޔާބީ ހާސިލްކޮށްފައިވަނީ މިއަދު ބަރޮސް އައިލެންޑް ފަޅުތެރޭ ކުރިއަށްގެންދިޔަ "ނޭވާ ފްރީ ޑައިވިންގް" ހަރަކާތުގެ ތެރެއިންނެވެ. 2009 ވަނަ އަހަރު 280 މީހުނާއެކީ އިޓަލީއިން ހެދި މި ރިކޯޑު ރާއްޖެއިން މުގުރާލާފައިވަނީ 521 މީހުންނާއެކީގައެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖެއިން ހެދި ފުރަތަމަ ވޯލްޑް ރިކޯޑެއެވެ.

މިއަދު ބޭއްވި މިހަރާކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްގެއާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެފައިވެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމާއި ގުޅިގެން ކުރިއަށްގެންދިޔަ ފްރީ ޑައިވް ވޯލްޑް ރިކޯޑްގެ އިތުރުން ވެސް އިތުރު ވޯލްޑް ރިކޯޑް އެޓެމްޓްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން މާލެ ވަށައިގެން ހިއުމަން ރިންގެއް އަޅައި ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމާފައެވެ.

މީގެ އިތުރުން ވެސް އެމްއެމްޕީއާރސީއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަގްލިންގކުރުމުގެ ވޯލްޑް ރިކޯޑެއް ޤާއިމްކުރުމަށް ނިންމާފައެވެ. މީގެ ފުރަތަމަ ހަރަކާތް ކުރިއަށްދާނީ އަންނަ ހޮނިހިރުދުވަހު އައްޑޫ ސިޓީގައި ޓޯޓަލް ފިޓްނަސް ގްރޫޕް، ޓީއެފްޖީން ބާއްވާ "ރަން އިން އައްޑޫ" ދުވުމުގެ ތެރެއިންނެވެ.

އަދި މިމަހުގެ 11 ވަނަ ދުވަހު ސަލްޓަން ޕާކުގައިވެސް ޖަގްލިންގެ ރެކޯޑެއް ޤާއިމްކުރުމުގެ ހަރަކާތެއް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.