ޠާލިބާން ހަނގުރާމަވެރިން ޞުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދަން އެއްބާރުލުން ނުދޭނަމަ ހަނގުރާމަކޮށް ބަލިކުރާނެކަމަށް އަފްޣާނިސްތާނުގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޙަމްދުﷲ މުހީބު ވިދާޅުވެއްޖެއެވެ. އދގެ ޢާއްމު މަޖިލީހުގައި ވާހަކަދައްކަވަމުން މުހީބު ވިދާޅުވީ އަފްޣާނިސްތާނުގައި އިންތިޚާބު ބޭއްވިޔަ ނުދިނުމަށް ޠާލިބާނުން ރައްޔިތުންނަށް ބިރުދައްކައި، ތަފާތު އިންޒާރުތައްދިންކަމަށް ވިޔަސް ގިނަ ޢަދަދެއްގެ މީހުންވަނީ ވޯޓުލާފައިކަމަށެވެ.
އާބާދީގައި 32.2 މިލިޔަން މީހުން ދިރިއުޅޭ އަފްޣާނިސްތާނުގައި ވޯޓުލީ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 2.2 މިލިޔަން މީހުންކަމަށްވަނީ ބެލެވިފައެވެ. ޠާލިބާނުންނާ އައިއެސް ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ސަރަޙައްދުތަކުގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސެން ނެތުމާއި ސަލާމަތީ ކަންކަން ހުރިގޮތުން އެތައްބަޔަކު ވޯޓްލާން ނުދިއުމުގެ ސަބަބުން މި ޢަދަދު ދަށްވީކަމަށް އެ ޤައުމުގެ އިދާރާތަކުން ބުނެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސްޕޯކްސްމަން ޢަބްދުލްޢަޒީޒު އިބްރާޙިމީ ވިދާޅުވީ އިންތިޚާބުގެ ކަންކަން ހިންގުމުގެ މަސައްކަތުގައި އުޅުނު 13 މުވައްޒަފުން ވަގަށްނަގާފައިވާކަމަށް.
މީގެ އިތުރުން އިންތިޚާބު ބޭއްވުނު ދުވަހު ދިން ޙަމަލާތަކުގައި 11 މުވައްޒަފުން ޒަޚަމްވެފައިވާކަމަށް އިބްރާޙިމީ ވިދާޅުވިއެވެ. އދގެ ޢާއްމު މަޖިލީހުގައި ވާހަކަދައްކަވަމުން މުހީބު ވިދާޅުވީ ބިރުދެއްކުމާއެކުވެސް އަފްޣާނިސްތާނަށް ޑިމޮކްރަސީ ގެނެވުނުފަހުން ބޭއްވުނު 4ވަނަ އިންތިޚާބުގައި ވޯޓުލީ ރައްޔިތުން ވޯޓުލާފައި އެވަނީ އަފްޣާނިސްތާނުގެ މިނިވަންކަމާ އިސްތިޤުލާލަށްޓަކައިކަމަށެވެ. އަދި އަފްޣާނިސްތާނުގައި ޞުލްޙައާއި އަމާންކަން ދެމެހެއްޓުމަށް އެމެރިކާއާއި ނޭޓޯއިން ކުރަމުންދާ މަސައްކަތްތަކަށް މުހީބު ޝުކުރު އަދާކުރެއްވިއެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ލިބޭނީ އޮކްޓޫބަރު 19ގައި ކަމަށްވަނީ ބެލެވިފައެވެ. އިންތިޚާބުގެ އެންމެ ފަހުގެ ނަތީޖާ އިޢުލާނުކުރުން އޮންނާނީ ނޮވެމްބަރު މަހުގެ 7ވަނަ ދުވަހުއެވެ.
ޠާލިބާނުން ބުނެފައިވަނީ ވޯޓުލާން ނުކުތް މީހުންގެ ޢަދަދު އެހާ މަދުވެފައި ވުމުން ދޭހަވަނީ އިންތިޚާބު ބާއްވާފައިވަނީ ޣައިރު ޤާނޫނީ ގޮތެއްގައިކަން ހާމަވާކަމަށެވެ މިހެންކަމުން އިންތިޚާބަކީ ބާޠިލު އެއްޗެއްކަމަށް ޠާލިބާނުންވަނީ ކަނޑައަޅާފައެވެ. އަދި އަފްޣާނިސްތާނުގެ ރައްޔިތުން ބޭރުން އެތެރެކުރާ ސިޔާސީ ނިޒާމެއް ބަލައިނުގަންނަކަން ދޭހަވާކަމަށް ޠާލިބާނުންވަނީ ބުނެފައެވެ.