ޚަބަރު

އޯޕެކް ޤައުމުތަކުން އުފައްދާ ތެޔޮ 2011ގެ ފަހުން އެންމެ ދަށަށް ދިޔައީ މިއަހަރު!


އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގް ކަންޓްރީޒް (އޯޕެކް)ގެ ޤައުމުތަކުން ދުނިޔޭގެ ބާޒާރަށް ނެރެމުން ދިޔަ ތެޔޮ 2011ގެ ފަހުން އެންމެ ބޮޑަށް ދަށަށް ދިޔައީ މިއަހަރުގެ ސެޕްޓެމްބަރުގައިކަމަށް ރޮއިޓާސްއިން ކުރި ސާރވޭއަކުން ދައްކައިފިއެވެ.

ހޯދުންތަކުން ދައްކާގޮތުން މިހެން ދިމާވީ ސަޢޫދީ ޢަރަބިއްޔާގެ ތެޔޮ އުފައްދާ މަރުކަޒުތަކަށް ދިން ޙަމަލާއާއި އެމެރިކާ އިސްނަގައިގެން އީރާނާ ވެނެޒުއޭލާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. 14 މެންބަރުން ޤައުމު ހިމެނޭ އޯޕެކް ޖަމުޢިއްޔާއިން މިމަހު ދުވާލެއްގެ މައްޗަށް އުދައްދާފައިވަނީ 28.9 މިލިޔަން ފީފާގެ ތެލެވެ. ހޯދުންތަކުން ދައްކާގޮތުން މި މިންވަރަކީ 2011ވަނަ އަހަރު ނިސްބަތުން މަހެއްގެ މައްޗަށް ތެޔޮ އުފެއްދުނު މިންވަރަށްވުރެ 750،000 ފީފާ މަދު ޢަދަދެކެވެ.

ސެޕްޓެމްބަރު މަހުގެ 14ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ތެލުގެ ސިނާޢަތަށް ދެވުނު ޙަމަލާއާއި ވިދިގެން ތެޔޮ އުފެއްދުން ދުވާލެއްގެ މައްޗަށް 5.7 މިލިޔަން ފީފާ ދަށްވެގެން ދިޔައެވެ. މިކަމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު %20 މައްޗަށްގޮސް ސެފްޓެމްބަރު މަހުގެ 16ވަނަ ދުވަހު ތެޔޮ ފީފާއެއްގެ އަގު 72 ޑޮލަރަށް އެރިއެވެ. ނަމަވެސް މިހާރު ތެޔޮ ފީފާއެއްގެ އަގު ވަނީ 61 ޑޮލަރަށް ތިރިވެފައެވެ.

ތެލުގެ އަގު ކުރިން ހުރި މިންވަރަށް ހިފެހެއްޓިފައި މިވަނީ ލީބިޔާ، ޔޫއޭއީ އަދި ކުވައިތުން ތެޔޮ އެކްސްޕޯޓުކުރާ މިންވަރު މަތިކުރުމާއި ގުޅިގެންނެވެ. މީގެ އިތުރުން ނައިޖީރިޔާ އާއި ޢިރާޤުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރާނެކަމަށް ބުނެފައިވުމުން ތެލުގެ ބާޒާރަށް އެރި ލޮޅުންތައް ކުޑަކުރެވިފައިވާތީއެވެ.