ޚަބަރު

ގޮތަބަޔާ ރާޖަޕަކްސަގެ ރަށްވެހިކަމާ ގުޅޭ ޕެޓިޝަނެއްގެ މައްސަލަ ސްރީލަންކާއިން ބަލަން ފަށައިފި


އިދިކޮޅު ކެނޑިޑޭޓްގެ ގޮތުގައި ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވަން ނިންމަވާފައިވާ ގޮތަބަޔާ ރާޖަޕަކްސަގެ ރަށްވެހިކަމާ ގުޅޭ ޕެޓިޝަނެއްގެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުން އެކުލެވޭ ޕެނަލެއް އެ ޤައުމުން އެކުލަވާލައިފިއެވެ.

2005ވަނަ އަހަރު ގޮތަބަޔާ ރާޖަޕަކްސަ އެމެރިކާގެ ރަށްވެހިކަން ހޯއްދެވިއިރު ސްރީލަންކާގެ ރަށްވެހިކަން ހޯއްދަވާފައިނުވާކަމަށާ ދެ ޤައުމުގެ ރަށްވެހިކަން ހޯދިކަމަށްބުނެ ގޮތަބަޔާ ހޯއްދަވާފައިވާ ސެޓްފިކެޓަކީ ޣައިރު ގާނޫނީ ސެޓްފިކެޓެއްކަމަށް ޕެޓިޝަން ހުށަހެޅި އެކްޓިވިސްޓުންގެ ތެރޭގައި ހިމެނޭ ދެ މީހުންވަނީ ތުޙުމަތުކޮށްފައެވެ. މިކަންކަމަށް ބަލާއިރު ގޮތަބަޔާ ރާޖަޕަކްސައަކީ ސްރީލަންކާގެ ރައްޔިތެއް ނޫންކަމަށާ ސްރީލަންކާގެ ރައްޔިތަކަށްނުވާ ބޭފުޅަކު ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް އަހުލުވެރިނުވާނެކަމަށް އެ ދެމީހުން ބުންޏެވެ.

އެ ޤައުމުގެ ޤާނޫނު ބުނާގޮތުން ސްރީލަންކާގެ ރައްޔިތުން ނޫން މީހުންނަށާއި އެ ޤައުމުގެ ރަށްވެހިކަމާއެކު އެހެން ޤައުމެއްގެ ރަށްވެހިކަން އޮންނަ ޑުއަލް ސިޓިޒެންޝިޕް މީހުންނަށް ސްރީލަންކާގެ އިންތިޚާބުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެއެވެ.

އެމެރިކާގެ ރަށްވެހިކަން ހޯއްދެވުމަށްޓަކައި ގޮތަބަޔާވަނީ 2003ވަނަ އަހަރު ސްރީލަންކާގެ ރަށްވެހިކަން ދޫކޮށްލައްވާފައެވެ. ނަމަވެސް ގޮތަބަޔާގެ ބޭބެ މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި އޭނާވަނީ އަލުން ސްރީލަންކާގެ ރަށްވެހިކަން ހޯއްދަވާފައެވެ. ނަމަވެސް މަހިންދާ ރާޖަޕަކްސަގެ ވެރިކަމުގައި ގޮތަބަޔާ ހޯއްދެވި ސެޓްފިކެޓަކީ ޣައިރު ޤާނޫނީ ސެޓްފިކެޓެއްކަމަށް އެކަމާދެކޮޅަށް ޕެޓިޝަން ހުށަހެޅި ފަރާތްތަކުން ބުނެއެވެ.

ގޮތަބަޔާގެ ތަރުޖަމާން ކެހެލިއާ ރަމްބުކްވެލާވަނީ އެކަން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ގޮތަބަޔާގެ ސްރީލަންކާގެ ރަށްވެހިކަމާމެދު އެއްވެސް އޮޅުމެއް އަދި ޝައްކެތް ނެތްކަމަށެވެ. އަދި ޕެޓިޝަން ހުށަހެޅި ފަރާތްތަކުން މަސައްކަތްކުރަނީ ރައްޔިތުންނަށް ޙަޤީޤަށް އޮޅުވާލަންކަމަށްވެސް ގޮތަބަޔާގެ ތަރުޖަމާން ވިދާޅުވިއެވެ.