ކުޅިވަރު

ވޮލީގެ މައްސަލަ ބަލާނީ ސްޕޯޓްސް ކޮމިޝަނަރ - މަޚުލޫފް


ވޮލީބޯޅަ އެސޯސިއޭޝަންގެ މައްސަލައަކީ ސްޕޯޓްސް މިނިސްޓަރާ ގުޅުންހުރި ކަމެއް ނޫން ކަމަށާ، އެމައްސަލަ ބެލުމަކީ ކޮމިޝަނާ އޮފް ސްޕޯޓްސްއިން ކުރާ ކަމެއްކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މަޚްލޫފް ވިދާޅުވީ ވޮލީބޯޅަ އެސޯސިއޭޝަންގެ މައްސަލާގައި އަދި މިނިސްޓަރު އެކަމުގައި ގޮތެއް ނިންމަންޖެހޭ ޙާލަތަށް މައްސަލަ ގޮސްފައިވާކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.

މިނިސްޓަރ މަހްލޫފް ވަނީ މީގެކުރިން ފުޓުބޯޅަ އެސޯސިއެޝަން އޮފް މޯލްޑިވްސްގެ ހިންގުމުގައި ކޮރަޕްޝަންގެ މައްސަލައާއި ސިޔާސީ ނުފޫޒު ވަދެފައިވާކަމަށާއި، ކުރީގެ ރައީސް ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހިމް ހިންގެވި ކެމްޕެއިން އޮފީހެއް އެފްއޭއެމްގައި ހިންގިކަމަށްބުނާ މައްސަލައެއް ފީފާއަށް ހުށައަޅުއްވާނެކަމަށް ވިދާޅުވެ އެފްއޭއެމްގެ މެނޭޖްމަންޓް ބަދަލުކުރުމަށް މަސައްކަތް ކުރައްވާފައެވެ. އަދި އެމަސައްކަތް ކުރެއްވިކަމަށްވެސް މިނިސްޓަރ ވަނީ އެކި ޕްރެސް ކޮންފަރެންސް ތަކުގައި އެއްބަސްވެވަޑައިގެންފައެވެ. ނަމަވެސް ފީފާއިން ރާއްޖެ ފުޓުބޯޅައިން ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު ދިންހިސާބުން މިނިސްޓަރ ވަނީ ކުލަބުތަކާއިއެކު މަޝްވަރާ ކުރެއްވުމަށްފަހު އެކަން ހުއްޓާލައްވާފައެވެ.

ރައީސް ޔާމީންގެ އަނބިކަބަލުން ފާޠިމަތު އިބްރާހީމް ހިންގެވި ކެމްޕެއިން އޮފީހެއް އެފްއޭއެމްގައި ހެދި މައްސަލަ ފީފާއަށް ދެންހުށަނާޅާނަންތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން މިނިސްޓަރ ވިދާޅުވީ ފުޓުބޯޅައިން ރާއްޖެ ސަސްޕެންޑްވާން ބޭނުންނަމަ މިހާރުން މިހާރަށްވެސް މައްސަލަ ހުށައަޅަންވީ ކަމަށެވެ.

ނަމަވެސް ވޮލީބޯޅާގައި މިނިސްޓަރ އެވިސްނުންފުޅު ނުގެންގުޅުއްވަނީ ކީއްވެތޯ ސުވާލު ކުރުމުން މިނިސްޓަރ ވިދާޅުވީ، ވޮލީބޯޅައިގެ މައްސަލައަކީ މިނިސްޓަރާ ބެހޭކަމެއް ނޫންކަމަށާ، ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލައްވައި އެމަސައްކަތް ކުރައްވަމުން ގެންދަވަނީ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމް ކަމަށެވެ. އަދި ސްޕޯޓްސް ކޮމިޝަނަރަކީ މިނިވަން މުސްތަޤިއްލު މާޤާމެއް ކަމަށްބުނެ މިނިސްޓަރ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

"ވޮލީބޯޅަ މައްސަލައަކީ އަޅުގަނޑާ ބެހޭކަމެއް ނޫން، އެމައްސަލަ ބަލަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްއިން، އެއީ މިނިވަން މުސްތަގިއްލު މަގާމެއް، ދެން އަޅުގަނޑެއް ގަބޫލެއް ނުކުރަން ސަސްޕެންޑު ކުރާ ހާލަތަށް އަދި ގޮސްފަވާ ކަމަކަށްވެސް. އެހާލަތަށް ދިޔައިމަ އަޅުގަނޑުވެސް މިކަމުގަ ގޮތެއް ނިންމާނަން، އަދި އަޅުގަނޑު ވޮލީބޯޅައިގެ މައްސަލައާއި ގުޅޭވަރެއް ނުވޭ.." މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ މައްސަލާގައި، ދުނިޔޭގެ ވޮލީބޯޅައާބެހޭ މައި އިދާރާ އެފްއައިވީބީ އިން ވަނީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ނޯމަލައިޒޭޝަން ކޮމިޓީ ބަލައި ނުގަންނަ ކަމަށާ، އެސޯސިއޭޝަންގެ ހިންގުން އަނބުރައި އިންތިޚާބީ އެކްސްކޯއާ ޙަވާލުކުރުމަށް އަންގަވާފައެވެ. އަދި އެފްއައިވީބީގެ ނިންމުމަށް އިހުތިރާމް ނުކުރާނަމަ ރާއްޖެ ވޮލީބޯޅައިން ސިސްޕެންޑް ކުރާނެކަމުގެ އިންޒާރުވެސް އެއިދާރާއިން ވަނީ ދީފައެވެ.

ނަމަވެސް މިނިސްޓަރ ވިދާޅުވީ އެފްއައިވީބީއިން ރާއްޖެ ސަސްޕެންޑް ނުކުރާނެ ކަމަށާއި، ނޯމަލައިޒޭޝަން ކޮމިޓީއިން އަންނަނީ އަލުން އިންތިޚާބެއް ބާއްވަން މަސައްކަތް ކުރަމުން ކަމަށެވެ. އަދި އަލުން އިންތިޚާބެއް ބާއްވައި އެކްސްކޯއެއް އެކުލަވާލުމުން މައްސަލަ ހައްލުވެގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން އެފްއައިވީބީއިން ރާއްޖޭގެ ވޮލީބޯޅަ ސަސްޕެންޑް ކުރާނެ ކަމަކަށް، އެއީ އެހާލަތަށް ގޮސްފިނަމަ އެބޭފުޅުންވެސް މިކޮޅަށް އައިސް އަޅުގަނޑުމެންނާއި މަޝްވަރާކޮށް މައްސަލަ ބަލާނެ، ހަމަ ކުއްލިއަކަށް ނިދާހޭލާއިރު އަދި ސަސްޕެންޑް ކުރާނެ ކަމަށް ގަބޫލެއް ނުކުރަން... ދެން ހިނގާ ދެއްތޯ ބަލަމާ." މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

ވޮލީބޯޅަ އެސޯސިއޭޝަންގެ މައްސަލާގައި ރާއްޖެ ސަސްޕެންޑް ކުރާނެކަމުގެ އިންޒާރު އެފްއައިވީބީއިން ރާއްޖެއާށް ދީފައިވާއިރު، މިވަގުތު ގައުމީ އިންޑޯ އަންހެން ޓީމުން އަންނަނީ އަންނަމަހު ބަންގްލަދޭޝްގައި އޮންނަ ސެންޓަރް ޒޯން މުބާރާތުގައި ވާދަކުރުމަށް ތައްޔާރުވަމުންނެވެ.