ކުޅިވަރު

ޤައުމީ ޓީމުތަކަށް ލަފާދޭ ކޮމިޓީން މަޚްލޫފް އިސްތިއުފާދެއްވައިފި


ޤައުމީ ޓީމަށް ލަފާދިނުމަށް އެފްއޭއެމުން އެކުލަވާލި ކޮމިޓީން ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އިސްތިއުފާ ދެއްވައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއެކު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ޤައުމީ ޓީމުގެ ކަންކަމުގައި ލަފާދިނުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމީ އެފްއޭއެމުން ކަމަށާއި، ކޮމިޓީއެއް އެކުލަވާލައި އެކުގައި މަސައްކަތް ކުރަން އެފްއޭއެމްގެ ރައީސް ބައްސާމް ދަޢުވަތު ދެއްވުމުން އެދައުވަތު ޤަބޫލުފުޅުކުރެއްވީކަމަށެވެ.

ނަމަވެސް ކޮމިޓީގައި ހިމެނު ހިސާބުން ގިނަ ފަރާތްތަކެއްގެ ފާޑުކިއުން އަމާޒުވި ކަމަށާއި، ޚާއްސަކޮށް ކުޅިވަރާބެހޭ ވަޒީރުކަމުގެ މަގާމުގައިހުރެ އެފަދަ ކޮމިޓީއެއްގައި ހިމެނުމުން ފުޓުބޯޅަނޫން އެހެން ކުޅިވަރުތަކުން، މިނިސްޓަރ ފުޓުބޯޅައަށް ވަކި ޚާއްސަގޮތެއް ބަހައްޓަވާކަމުގެ ތުހުމަތު ކުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެކޮމެޓީގައި މަސައްކަތް ނުކުރައްވަން ނިންމަވައި އެކަން މިހާރު ބައްސާމަށް އަންގާފައިވާކަމަށްވެސް މަޚްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ ކޮމިޓީގައި މަސައްކަތް ކުރަން ދައުވަތު ދިނުމުން އެކަން ބަލައިގަތީ ކޮންމެހެން މިނިސްޓަރުގެ ހައިސިއްޔަތުން ނޫން ކަމަށާ، މީގެކުރިން ޤައުމީ ޓީމުގެ މެނޭޖަރު ކަމުގެ މަގާމުވެސް އަދާކޮށްފައިވާތީ ފުޓުބޯޅައަށް ރަނގަޅުމަކެއް ކޮށްދިނުމުގެ ވިސްނުމުގައިކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން މިހާބޮޑަށް މަސައްލަހަތު ގޯސްވާނެކަމަށް ކުރިން ހީވެސްނުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ކުރިން ހީވެސް ނުކުރަން މިހާބޮޑަށް މިކަމުގެ ޝަކުވާތަށް އަންނާނެ ކަމަށް. އެކަމު ޝަކުވާތަކާއެކު ކޮމިޓިގައި މަސައްކަތް ނުކުރަން މިހާރު ނިންމައި އެކަން ބައްސާމްއަށް އަންގާފައިވާނީ، ދެން ކޮމިޓީގައި މަސައްކަތް ނިންމީވެސް ކޮންމެހެން މިނިސްޓަރަށް ވީމައެއް ނޫން. ކުރިން އަޅުގަނޑަކީ ގައުމީ ޓީމުގެ މެނޭޖަރުކަންވެސް ކޮށްފައި ހުރި މީހެއް. އެކަމު މިނިސްޓަރަށް ވީމަ ހަމައެކަނި ފުޓުބޯޅައަށް ފޭވާކޮށްދޭކަމަށް ތުހުމަތުތަށް އަންނަން ފެށީ" މިނިސްޓަރ މަހްލޫފް ވިދާޅުވިއެވެ.

މަޚްލޫފް ވިދާޅުވީ، ކޮމިޓީއިން އޭނާ އިސްތިއުފާންދެއްވި ނަމަވެސް މިނިސްޓްރީގެ ފަރާތުން ބޭފުޅަކު އެކޮމިޓީގައި އިންނަވާނެކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެކޮމިޓީގައި އިންނެވުމަށް މިނިސްޓަރ މަޙްލޫފްވަނީ އެދިލައްވާފައެވެ.